މެންޗެސްޓާ (ޖެނުއަރީ 22) - މެންޗެސްޓާ ޔުނައިޓެޑްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް ރޭ އެ ޓީމުގެ ކެޕްޓަން ވޭން ރޫނީ ހެދުމުން އެނާ އަށް ކުރިން އެ ރެކޯޑް އޮތް ޔުނައިޓެޑްގެ ލެޖެންޑް ބޮބީ ޗާލްޓަން ތައުރީފް ކޮށްފި އެވެ.

ޗާލްޓަން މީގެ 44 އަހަރު ކުރިން ޔުނައިޓެޑަށް ރެކޯޑް ހަދައިދިނީ 249 ލަނޑު ޖަހައިގެންނެވެ. ރޭގެ މެޗުގެ އިތުރު ވަގުތުގައި ސްޓޯކް ސިޓީ ކޮޅަށް ވައްދާލި ހިލޭ ޖެހުމާ އެކު ރޫނީ ރެކޯޑް ހެދީ 250 ލަނޑު ހަމަކޮށްގެންނެވެ.

"ރެކޯޑް ދިއުމުން ދެރަނުވެޔޭ ބުނެފިނަމަ އެއީ އަހަންނަށް ހެދޭނެ ދޮގެއް. އެކަމަކު ތެދަށް ބުނަންޏާ އަހަންނަށް ލިބުނު އެންމެ ބޮޑު އުފަލަކީ ރޫނީ ފަދަ ހުނަރުވެރި މޮޅު ކުޅުންތެރިޔަކު އެ ރެކޯޑް މުގުރާލުން،" އުމުރުން 77 އަހަރުގެ ޗާލްޓަން ޔުނައިޓެޑްގެ ރަސްމީ ވެބްސައިޓަށް ދިން އިންޓަވިއުއެއްގައި ބުންޏެވެ.

އޭނާ ބުނީ 2004 ވަނަ އަހަރުން ފެށިގެން ރޫނީ ކުޅެމުން އަންނަ ގިނަ މެޗުތައް ބަލަމުން އަންނަ ކަމަށެވެ.

"އެވަޓަން ދޫކޮށް ޔުނައިޓެޑަށް ބަދަލުވި ހިސާބުން ރޫނީގެ މެޗުތައް ބެލުމަށް އަހަރެންގެ ޝައުގުވެރިކަން އުފެދުނު. ރޫނީ ފާއިތުވި 12 އަހަރުގައި އެ ސާބިތުކޮށްދިނީ އެންމެ މަތީ ފަންތީގައި އޭނާ އަށް މޮޅަށް ކުޅެވޭނެކަން. އޭނާގެ ލަނޑުގެ ރެކޯޑް އެކަން ދައްކުވައިދީފި،" ޗާލްޓަން ބުންޏެވެ.

ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ބުނީ ރޫނީ އަކީ 21 ވަނަ ގަރުނުގައި އުފެދުނު އިންގްލެންޑްގެ އެންމެ ފުރިހަމަ އެއް ކުޅުންތެރިޔާ ކަމަށެވެ.

ރޫނީ ބުނީ މިއީ އޭނާގެ ކެރިއަރުގެ އެންމެ ހާއްސަ ގޯލު ކަމަށާއި ހަމައެކަނި ހިތްހަމަނުޖެހުމަކީ މެޗުން މޮޅުނުވެވުން ކަމަށެވެ.

"މި ލަނޑު ޓީމު މޮޅުކޮށްދޭން ޖެހުނު ނަމަ އުފާވެރިކަން ދެގުނަވީސް މިހާރު އޮތީ ހަަމައެކަނި ރެކޯޑް ހެެދުނު އުފާ. މި ރެކޯޑަކީ ތާރީހުގެ ތެރޭގައި ލިޔެވިގެންދާނެ ކަމެއް. އަހަރެންގެ އެންމެ ބޮޑު އުފަލަކީ ޔުނައިޓެޑް ކަހަލަ ބޮޑު ޓީމެއްގައި މިފަދަ ރެކޯޑް ހެދުމުން،" ރޫނީ ބުންޏެވެ.

އޭނާ ބުނީ ކްލަބް ބަދަލުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އުއްމީދުކުރަނީ ޔުނައިޓެޑްގައި ކެރިއަރު ނިންމާލުމަށް ކަމަށެވެ.