ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި އިތުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ބޭންކް ފަޅާލި މައްސަލައާ ގުޅިގެން ވަނީ 11 މީހަކު ހައްޔަރުކޮށްފަ އެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު ވެސް އިތުރުކޮށްފައިވާ އިރު އެންމެ ފަހުން ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިފަ އެވެ.
އެ ހަތަރު މީހުންގެ ތެރޭގައި ހިމެނެނީ ބަނގްލަދޭޝް ފިރިހެނަކާއި ދިވެހި ތިން ފިރިހެނުންނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ބޭންކް ފަޅާލި މައްސަލައާ ގުޅިގެން އިތުރު ދެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އެމީހުންގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ވިލިނގިލީ ބްރާންޗް ފަޅާލައި ވަގަށް ނެގި ފައިސާތަކުގެ ތެރެއިން 14 މިލިއަން ރުފިޔާ ފުލުހުން ހޯދައިފައި ވެ އެވެ. އެކަމަކު ވަގަށް ނެގި ފައިސާގެ ޖުމްލަ އަދަދެއް ނޭނގެ އެވެ.