ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 20ރ. ގެ މަގުން 107.6 މިލިއަން ރުފިޔާ ބަހަން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ބޭންކުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާ ހިއްސާއަކަށް 20ރ. ގެ މަގުން ބެހުމަށް، ދެން އޮންނަ އަހަރީ އާއްމު ޖަލްސާއަށް ހުށަހެޅުމަށް ބޯޑުން ފާސްކޮށްފައިވާ ކަމަށެވެ. އަދި މިފަހަރު ބަހަން ނިންމި އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 18 ޕަސެންޓް އިތުރު އަދަދެއް ކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

މިދިޔަ އަހަރު އެ ކުންފުނިން ބަހާފައި ވަނީ ހިއްސާއަކަށް 17ރ. ގެ މަގުން 91.4 މިލިއަން ރުފިޔާ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ޖުމްލަ ފައިދާގެ މިންވަރު 1.03 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، އެއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 56 ޕަސެންޓުގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު ބީއެމްއެލް އަށް ވަނީ ވަރަށް ބޮޑު އަދަދެއްގެ އާމްދަނީއެއް ވެސް ލިބިފަ އެވެ. އެ ގޮތުން، މިދިޔަ ކުއާޓަރުގައި 528 މިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބި، މިދިޔަ އަހަރު ލިބުނު ޖުމްލަ އާމްދަނީ ވަނީ ދެ ބިލިއަން ރުފިޔާ އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ބީއެމްއެލް އިން ވަނީ "އަހަރެންގެ ބޭންކު"ގެ ނަމުގައި ހާއްސަ ކެމްޕޭނެއް ފަށައިފަ އެވެ. އެ ކެމްޕޭންގެ ދަށުން މުޖުތަމައަށް އެހީތެރިވުމުގެ ގޮތުން މިއަހަރު 300 މިލިއަން ރުފިޔާ އިންވެސްޓްކޮށް، 150 އާ ވަޒީފާ އުފެއްދުމަށް އެ ބޭންކުން ވަނީ ނިންމައިފަ އެވެ.

ބީއެމްއެލް އިން އަންނަނީ އާ ބްރާންޗުތަކާއި ސެލްފް ސާވިސް އޭޓީއެމްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމްކޮށް، ބޭންކުގެ ހިދުމަތް ފުޅާ ކުރަމުންނެވެ. އެ ގޮތުން، މިހާތަނަށް ވަނީ 20 އަތޮޅުގައި 33 ބްރާންޗާއި 80 އޭޓީއެމް އާއި 4،000 ޕީއޯއެސް މާޗަންޓުންނާއި 200 ކޭޝް އެޖެންޓުންނާއި 22 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަދި ފަސް ދޯނި ބޭންކިން ޔުނިޓް ގާއިމްކޮށްފަ އެވެ.