އުސޫލުތަކާ ހިލާފަށް ޓްވިޓާ އިން، ކެނެޑާގެ ބްލެކްބެރީ ކުންފުނީގެ މެސެޖިން އެޕްލިކޭޝަންގެ ޓެކްނޮލޮޖީތައް ބޭނުންކުރާ ކަމަށް ބުނެ އެ ކުންފުނިން ޓްވިޓާ އަށް ދައުވާކޮށްފި އެވެ.
ލޮސް އެންޖެލިސްގެ ޑިސްޓްރިކްޓް ކޯޓަށް ބުދަ ދުވަހު ބްލެކްބެރީން ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ ކަސްޓަމަރުންނަށް ވެސް އޮޅުވައިލުމުގެ ތެރެއިން ޓްވިޓާ އިން އެ ކުންފުނީގެ ހަ ޓެކްނޮލޮޖީއެއް މިހާތަނަށް ބޭނުންކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި މެސެޖިން ތުރެޑާއި ނޮޓިފިކޭޝަން ފީޗާތަކާއި އިޝްތިހާރު ކުރަން ބޭނުންކުރާ އުކުޅުތައް ވެސް ހިމެނޭ ކަމަށް ބްލެކްބެރީން ބުންޏެވެ.
"ޓްވިޓާ އިން ވަނީ އަހަރެމެންގެ ހައްގުތަކަށް އަރައި ގަނެ، އޭގެ ތެރެއިން ކާމިޔާބީތަކެއް ވެސް ހޯދާފައި،" ދައުވާގައި ބްލެކްބެރީން ބުންޏެވެ. "އަދި މިކަމުގެ ސަބަބުން އަހަރެމެންނަށް ވަނީ ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހިފައި."
ބްލެކްބެރީން ޓްވިޓާ އަށް ދައުވާކުރި ނަމަވެސް މި މައްސަލައާ ގުޅިގެން ޓްވިޓާ އިން މިހާތަނަށް ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އަދި މީޑިއާތަކުން ސުވާލު ކުރުމުން އެ ކުންފުނީގެ ތަރުޖަމާން ވަނީ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ.
މިދިޔަ އަހަރު ބްލެކްބެރީން ވަނީ ހަމަ މިކަހަލަ މައްސަލައެއްގައި ފޭސްބުކާއި ސްނެޕަށް ވެސް ދައުވާކޮށްފަ އެވެ.
ދެހާސް ސޯޅަ ވަނަ އަހަރުން ފެށިގެން ބްލެކްބެރީން ސްމާޓްފޯނުގެ ވިޔަފާރި ހުއްޓައިލުމަށް ފަހު، ކުންފުނި މިހާރު އަމާޒު މިހާރު ހުރީ ސޮފްޓްވެއާ އާއި މޮބައިލް ޑިވައިސްތައް މެނޭޖް ކުރުން އަދި ސެލްފް-ޑްރައިވިން ކާރުގެ ވިޔަފާރި ކަހަލަ ދާއިރާތަކަށެވެ.