ޕޭޕަލް މެދުވެރިކޮށް ފައިސާ ފޮނުވައިދިނުމަކީ ވިޔަފާރީގައި ޕޭޕަލް ނަފާ ހޯދާ ޚިދުމަތެކެވެ. އެ ގޮތުގައ، އީކޮމާސް ވެބްސައިޓްތައް، މެސެންޖާ އަދި ސްކައިޕް ފަދަ އެޕްލިކޭޝަންތައް މެދުވެރިކޮށް ފައިސާ ފޮނުވައިދެ އެވެ. ދާދި ފަހަކާ ޖެހެންދެން، ބްލެކްބެރީ މެސެންޖާ ބޭނުންކުރާ މީހުންނަށް ވެސް، އެކަކު އަނެކަކަށް ފައިސާ ފޮނުވެ އެވެ.

ބްލެކްބެރީ މެސެންޖާ މެދުވެރިކޮށް ފައިސާ ފޮނުވައިދިނުން ޕޭޕަލުން ހުއްޓާލީ ކުއްލިއަކަށެވެ. މަޝްހޫރު މެސެޖިން އެޕް ބޭނުންކުރާ މީހުންނަށް އެއްވެސް އިޝާރާތެއްނުކޮށެވެ. ބީބީއެމް ބޭނުންކުރާ މީހުން ފުރަތަމަ ހީކުރީ ބީބީއެމް އަށް ގެނައި ބަދަލެއްގެ ސަބަބުން ބަގެއް އުފެދުނީ ކަމަށެވެ. ޚިދުމަތް ހުއްޓާލީ ކަމަކަށް ހިއެއްނުކުރެ އެވެ. އެހެންވެ، އެޕްލިކޭޝަންގެ ފައިނަލް އަދަދުގައި އެކަން ރަނގަޅުކުރާނެ ކަމަށް ނިންމީ އެވެ.

ޕޭޕަލުން ފައިސާ ފޮނުވޭ ގޮތަށް ދެން ބްލެކްބެރީ މެސެންޖާ ނުފެންނާނެ ކަމަށް ޕޭޕަލުން ބުނެ އެވެ. އެ ކުންފުނިން ބުނި ގޮތުގައި ބީބީއެމް ނޫނަސް ޕޭޕަލުން ފައިސާ ފޮނުވޭނެ އެވެ. ސްކައިޕް، ފޭސްބުކް މެސެންޖާ. ޕޭޕަލް ޑޮޓް މީ، މޮބައިލް ވެބް އަދި ޕޭޕަލްއާ ގުޅިގެން މަސައްކަތްކުރާ އެހެން ކުންފުނިތަކުން ވެސް މެދުވެރިންގެ ދައުރު އަދާކުރާނެ އެވެ.

ޕޭޕަލުން އަންނަނީ ކުންފުނީގެ އިދާރީ މަސައްކަތްތަކަށް ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ވިޔަފާރި މުއާމަލާތްތަކުން ނަފާ އިތުރުކުރުމަށްޓަކައި ދޭދޭ މުއާމަލާތްތަކަށް ބަދަލު ވެސް އެބަ ގެނެ އެވެ. ބްލެކްބެރީ މެސެންޖާ މެދުވެރިކޮށް ފައިސާ ފޮނުވައިދިނުން ހުއްޓާލި ސަބަބަކަށް، ކުންފުނި ހަރުދަނާކުރުން ވެސް ވެދާނެ އެވެ.