ހެނދުނު ހޭލާ ގޮތަށް ސައިތައްޓެއް ބޯން ބޭނުންވާ އެތައް މިލިއަން ބަޔަކު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅެ އެވެ. އެކަމަކު ސައި ހަދާއިރު ސަމާލުވާންޖެހޭ މުހިންމު ކަމެއް އެބަ އޮތެވެ.
ސައި ހަދަނީ އެންމެ އެކަށީގެންވާ ގޮތަށް ނޫން ކަމަށް އެކަމުގެ ތަޖުރިބާކާރުން ބުނެ އެވެ. އެހެންވެ ސައި ގައި ލާންވާ މީރު ރަހަ ވެސް ނުލާ ކަމަށްވެ އެވެ.
އެއީ ކޮންމެހެން ސަޔަށް ކިރު އެޅުމާ ގުޅުންހުރި ކަމެއް ނޫނެވެ. އަދި ހޫނުފެނަށް ސައިފަތް އަޅައިގެން ގިރާ ގޮތުން ވާ ކަމެއް ވެސް ނޫނެވެ. މައްސަލައަކީ ސައި ހަދަން ބޭނުންކުރާ ފެނެވެ.
ސައި ހަދަން ބޭނުންކުރަން ޖެހޭނީ އެންމެ ފަހަރަކު ކައްކާފައި ހުރި ފެނެވެ.
އިނގިރޭސި ވިލާތުގެ ޓީ އެންޑް އިންފިއުޝަން އެސޯސިއޭޝަންގެ ޗެއާމަން ވިލިއަމް ގޯމަން ޓެލެގްރާފް ނޫހާ ވާހަކަ ދައްކަމުން ބުނެފައި ވަނީ ސައި ހަދަން އެއްފަހަރު ކައްކާ ފެނުން ބާކީ ހުންނަ ބައި އެހެން ފަހަރަކު ކެއްކުމަކީ އާންމުކޮށް ކުރާ ކަމެއް ކަމަށެވެ. އެކަމަކު އެއީ ގޯހެއް ކަމަށް އެސޯސިއޭޝަނުން ބުނެ އެވެ.
ފެން ކައްކަން ފެށުމުގެ ކުރިން، ފެން ކައްކާ އެތީގައި ކުރިން އެޅި ފެން ހުރި ނަމަ އެ ބައި އުކާލައި އާ ފެން އަޅަން ޖެހެ އެވެ. ސަބަބަކީ ފެން އެއްފަހަރަށް ވުރެ ގިނަ ފަހަރަށް ކެއްކުމުން، އޭގައި ހުންނަ އޮކްސިޖަން އާއި ނައިޓްރިޖަން ނެތިގެން ގޮސް އެ ފެނުގައި ނުބައި ރަހައެއް ލާނެތީ އެވެ.
"އާއްމުކޮށް މި ހަދާ ގޮތަކީ ސައިތަށި ހިހޫވާން ފެށީމާ އަނެއްކާވެސް ހޫނުކޮށްލާފައި އަނެއްކާ ވެސް ސައިތައްޓެއް ހަދަނީ. ނަމަވެސް މިހެން ހެދީމަ ދެން ހަދާ ސައިތަށީގައި ކުރިން ލީ މީރު ރަހައެއް ނުލާނެ،" އޭނާ ބުންޏެވެ.
ވިލިއަމް ދޭ އިރުޝާދަކީ ސައި ތަށި ހިހޫވެއްޖެ ނަމަ މައިކްރޯވޭވް އިން ހޫނުކޮށްލުމެވެ.