އުފަންދުވަހުގެ ސެޓްފިކެޓް އެއް ދުވަހުގެ ތެރޭގައި ލިބޭނެ ގޮތް ހެދުމަށް، ޗައިނާގެ ގުވެންޒީ ޕްރޮވިންސް އިން މާލޭ ސިޓީ ކައުންސިލަށް އެހީވާން ނިންމައިފި އެވެ.

ކައުންސިލް މެމްބަރު ހުސެއިން ޝަރީފް މިއަދު ވިދާޅުވީ އުފަންދުވަހުގެ ސެޓްފިކެޓް ހަދާ ޒަމާނީ އާ ސިސްޓަމެއް ބަހައްޓައިދޭން ގުވެންޒީ ޕްރޮވިންސް އިން އެއްބަސްވެފައިވާ ކަމަށާއި އެކަމުގެ އެއްބަސްވުމުގައި އަންނަ މަހު ރަސްމީކޮށް ސޮއިކުރާނެ ކަމަށެވެ.

އެއްބަސްވުމުގައި ސޮއިކުރަން ގުވެންޒީ ޕްރޮވިންސްގެ އިސް ވަފުދެއް އަންނަ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އުފަންދުވަހުގެ ސެޓްފިކެޓް ހަދައިދިނުމަކީ މާލޭ ސިޓީ ކައުންސިލުން މިހާރު ކުރާ ހަމައެކަނި މަސައްކަތެވެ. އެ ކައުންސިލްގެ ދަށުން ދެމުން އައި ޚިދުމަތްތައް ވަނީ ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ.

ހުސެއިން ވިދާޅުވި ގޮތުގައި ގުވެންޒީ ޕްރޮވިންސް އިން އެ މަސައްކަތް ކޮށްދެނީ ހިލެ އެވެ. އެ ސިސްޓަމް ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލުން އެއްވެސް ހަރަދެއް ނުކުރާނެ އެވެ.

އޭނާ ވިދާޅުވީ އުފަންދުވަހުގެ ސެޓްފިކެޓް ހެދުމުގެ މަސައްކަތް ތަރައްގީ ކުރަން އެކަށީގެންވާ ބަޖެޓެއް ނެތް ކަމަށާއި އެކަމުގެ އުނދަގޫ ރައްޔިތުންނަށް ކުރާ ކަމަށެވެ.

"ރައްޔިތުންނަށް ވަރަށް އުނދަގޫވޭ ސެޓްފިކެޓް ހައްދަން ގޮސްފައި ވެސް ގިނަ ވަގުތު މަޑުކުރަން ޖެހޭތީ. އަދި ގިނަ އިރުވަންދެން މަޑުކޮށްފައި ވެސް އެ ލިޔުން މި ލިބެނީ ތިން ހަތަރު ދުވަސް ފަހުން. އެހެންވެ މި މަސައްކަތް ކުރަނީ އެއް ދުވަހުގެ ތެރޭގައި ސެޓްފިކެޓް ހަވާލުކުރުމަށް،" ހުސެއިން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފަންދުވަހުގެ ސެޓްފިކެޓް އަލަށް ހެދުމަށް ކޮންމެ ދުވަހަކު ވެސް 10 ވަރަކަށް ފޯމް ހުށަހަޅާ ކަމަށާއި އަދި އެ ގެއްލިގެން އާ ކުރަން ފަސް ވަރަކަށް ފޯމް ކޮންމެ ދުވަހަކު ހުށަހަޅާ ކަމަށެވެ.

"އެ ދުވަހަކު އެދޭ ފޯމެއް ޕްރޮސެސްކޮށް ހަމަ އެ ދުވަހު އުފަންދުވަހުގެ ސެޓްފިކެޓް ހަވާލުކުރަން މަސައްކަތް ކުރާނީ،" ހުސެއިން ވިދާޅުވި އެވެ.