ހަރިޔާނާ (ސެޕްޓެމްބަރު 8) - އިންޑިއާގެ ހުޅަނގު-އުތުރުގެ ހަރިޔާނާ ސްޓޭޓުގައި މުސްލިމުން ވިއްކާ މަޓަން ބިރިޔާނީ އަށް ގެރި މަސް އަޅާފައި ހުރިތޯ ފުލުހުން ނުކުމެ ޗެކު ކުރަން ފަށައިފަ އެވެ.

ހަރިޔާނާ ކައު ސާވިސް ކޮމިޝަނުގެ ޗެއާމަން ބާނީ ރާމް މަންގްލާ ވިދާޅުވީ މިކްސްޑް ރައިސްގައި އެއްވެސް ވަރަކަށް ގެރި މަސް ބޭނުންކޮށްފައި ހުރިތޯ ވެޓެރިނަރީ ޑޮކްޓަރުންގެ އެހީގައި ފުލުހުން އޮފިސަރުން ބަލަމުން ގެންދާނެ ކަމަށެވެ.

އިންޑިއާގައި އަޣުލަބިއްޔަތު އޮންނަ ހިންދޫންގެ ގާތުގައި ގެރިއަކީ ދީނީ ގޮތުން މާތް ޖަނަވާރެކެވެ. އަދި ހިންދޫން ގެރިމަސް ކެެއުން ވަނީ މަނާކޮށްފަ އެވެ. ހަރިޔާނާގައި ވެސް ގެރިމަސް ކެއުން ވަނީ މަނާކޮށްފަ އެވެ.

"ހަރިޔާނާގައި ވިއްކާ ބިރިޔާނީ އަށް ގެރިމަސް އަޅާފައި ހުންނަ ކަމުގެ ޝަކުވާ ދަނީ ލިބެމުން. އެހެންވެ ހަރިޔާނާގައި ކާ އެއްޗެހި ވިއްކާ ހުރިހާ ތަނެއްގައި ހުންނަ ބިރިޔާނީ ޗެކް ކުރުމަށް ފުލުހުންނަށް ވާނީ އަންގާފައި. ބިރިޔާނީގައި ހުރި އެއްގަމު މަސް އިތުރަށް ޓެސްޓް ކުރާނެ،" މަންގްލާ ވިދާޅުވި އެވެ.

ހަރިޔާނާގައި ގެރިމަސް ބޭނުންކުރާ ކަމަށް ތުހުމަތުކޮށްފައިވާ މަވަތަކީ މުސްލިމުން ގިނަ ހިސާބެކެވެ. އަދި މި ސަރަހައްދުގައި މުސްލިމުންނާއި ހިންދޫންގެ މެދުގައި ދޭތެރެދޭތެރެ އިން ކުރިމަތިލުންތައް ހިނގަ އެވެ.

މެވަތު ބާ އެސޯސިއޭޝަނުގެ މެންބަރެއް ކަމަށްވާ ނޫރައްދީން ނޫރު ބުނީ މެވަތުގެ މުސްލިމުން ވިއްކާ ބިރިޔާނީގައި ގެރިމަސް ބޭނުންކޮށްފައިވާ ކަމަށް ކޮށްފައިވާ ތުހުމަތުގައި އެއްވެސް އަސާސެއް ނެތް ކަމަށެވެ.

"މި ސްޓޭޓުގައި މުސްލިމުން ބިރިޔާނީ ވިއްކާތާ އެތައް އަހަރެއް ވެއްޖެ. އެއަށް ގެރިމަހެއް ނާޅާ. އެކަމަކު ފުލުހުން ބޭނުން ނަމަ ޗެކް ކުރަންވީ. އަހަރެމެންގެ މައްސަލައެއް ނެތް،" ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ވެސް ބެލެވޭ ނޫރު ބުންޏެވެ.

ހަރިޔާނާގައި ގެރި ކަތިލުމާއި ވަގަށް ގެރި ވިއްކުން ކޮންޓްރޯލް ކުރުމަށް ފުލުހުންގެ ޚާއްސަ ޓާސްކް ފޯހެއް ވަނީ އެކުލަވާލައިފަ އެވެ. އަދި އެއްވެސް މީހަކު ގެރި ކަތިލާތޯ ބެލުމަށް ވޮލަންޓިއަރުން ވެސް ވަނީ ތަމްރީނު ކޮށްފަ އެވެ.