ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ބިލެތްދޫ ދާއިރާގެ ޓިކެޓް އެހެން ބޭފުޅަކަށް ދޭން ނިންމާފައި ވަނިކޮށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު ސައުދު އަމިއްލަ ގޮތުން އެ ދާއިރާ އަށް ކުރިމަތި ލައްވައިފި އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ސައުދު މިއަދު ވިދާޅުވީ މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ދާއިރާގެ ރައްޔިތުން އެދޭތީ ކަމަށެވެ. ނަމަވެސް އެ ދާއިރާގެ ޓިކެޓް ޖުމްހޫރީ ޕާޓީން އޭނާ އަށް ނުދިނަސް އެކަމާ މެދު އެއްވެސް ހިތްހަމަނުޖެހުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"ދާއިރާގެ ގިނަ ބަޔަކު އަޅުގަނޑު ގާތަށް އައިސް ބުނީ ކުރިމަތިލާން އެންމެ ރަނގަޅީ އަޅުގަނޑޭ. އެ މީހުން އައީ އަމިއްލަ ގޮތުން ކުރިމަތިލާން ބޭނުންވާ ސޮއި ވެސް ހަމަކޮށްގެން. ދެން އެ ރައްޔިތުންގެ އެދޭ ގޮތަށް އަޅުގަނޑު ކުރިމަތިލާން ނިންމީ،" ސައުދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުންނެވި ސައުދަކީ އެ ޕާޓީގެ ލީޑަރު ގާސިމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އޭނާއަކީ ކުރީގެ ސަރުކާރުން ގާސިމް ޖަލަށް ލުމުން އެކަމާ ދެކޮޅަށް ކުރި މުޒާހަރާތަކުގައި އިސްކޮށް އުޅުއްވައި އޭރު ބަންދު ވެސް ކުރި ބޭފުޅެކެވެ. ބިލެތްދޫ ދާއިރާގެ ޓިކެޓް ހޯއްދަވަން ސައުދު އުޅުއްވަނިކޮށް އެ ދާއިރާގެ ޓިކެޓް ގާސިމް ދެއްވީ ޖޭޕީ ޓިކެޓްގައި އެ ދާއިރާ އަށް ހޮވިވަޑައިގަތުމަށް ފަހު ޕީޕީއެމަށް ސޮއިކުރެއްވި އަހުމަދު މުބީނަށެވެ. ވެރިކަން ބަދަލުވުމުން މުބީން އަލުން ޖޭޕީ އަށް ސޮއިކުރެއްވީ އެވެ.

ސައުދު އަމިއްލަ ގޮތުން ކުރިމަތިލައްވަން ނިންމެވީ މުބީނަށް ޓިކެޓް ދޭން އެ ޕާޓީން ނިންމުމުން ކަމަށް ދެކެވޭ ވާހަކަ ސައުދު ދޮގު ކުރެއްވި އެވެ. އޭނާ ވިދާޅުވީ ޓިކެޓް ދިނުމުގައި ގޮތް ނިންމުމުގެ ބާރު ލީޑަރަށް ދިނީ ކައުންސިލުން ކަމަށާއި ލީޑަރުގެ ނިންމެވުމަށް އިހުތިރާމް ކުރައްވާ ކަމަށެވެެ.

"އެހެން ދެން ތަފާތު ވާހަކަ ދައްކާނެ. އެކަމަކު އަޅުގަނޑު ފުރިހަަމައަށް އިހުތިރާމް ކުރަން ލީޑަރުގެ ނިންމެވުމަށް. އަދި އަޅުގަނޑު އަމިއްލަ ގޮތުން ކުރިމަތި ލިޔަސް ޕާޓީއާ ދޭތެރޭ އެއްވެސް ހިތްހަމަނުޖެހުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރުންގެ ވަޓްސްއަޕް ގްރޫޕުގައި، މަޖިލީހުގެ މެމްބަރަކަށް ހުންނެވި ބޭފުޅަކު ވަނީ ޖުމްހޫރީ ޕާޓީގެ ޓިކެޓު ދީފައިވާ ބޭފުޅުންގެ ޓިކެޓް އަނބުރާ އަތުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޕީޕީޕީއެމާ ގުޅުމަކީ އަނިޔާވެރި ކަމަށް ހިތްވަރު ދިނުން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.