ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމާ ދިމާލަށް ވަގަށް ގޮވުމާ އެކު މިއަދުގެ މަޖިލިސް ހޫނުވެ، ކުރިއަށް ނުގެންދެވިގެން މެދުކަނޑާލައިފި އެވެ.
މަޖިލިސް މެދުކަނޑާލި އިރު ބަހުސް ކުރަމުން ދިޔައީ ސަރުކާރުގެ ފަރާތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުށަހެޅުއްވި ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށެވެ. މަޖިލިސް ހޫނުވީ މި ބިލަށް ރޮޒެއިނާ އާއި އައްޑޫ މީދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދެއްކެވި ފަހުންނެވެ.
މި ދެ މެމްބަރުންގެ ވާހަކާގައި މި އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި އެވެ. އަދި މިއީ ގާނޫނުގެ ތެރެއިން ކޮރަޕްޝަން ހިންގުމަށް ކުރަން އުޅޭ ކަމެއްގެ ގޮތުގައި ދެ މެމްބަރުން ވަނީ ސިފަ ކުރައްވައިފަ އެވެ. އެކަމަކު ސަރުކާރަށް ތާއީދުކުރައްވާ މެމްބަރުން މި އިސްލާހާ އެއްކޮޅަށް ވަނީ ވާހަކަ ދައްކަވައިފަ އެވެ.
"ރޮޒެއިނާ އަކީ އެތައް ކޮރަޕްޝަންތަކެއް ހިންގަވާފައިވާ މެމްބަރެއް ކަމަށް، ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދެވީ،" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
އެއާ އެކު އިދިކޮޅު މެމްބަރުން ވަނީ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމަށް ވައްކަމުގެ ތުހުމަތުކޮށް މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވައިފަ އެވެ.
މަޖިލިސް މިއަދު 11:15 ހާއިރު މެދުކަނޑާލިއިރު އިސްލާހަށް ބަހުސް ކުރައްވަމުން ގެންދެވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އޭނާ ވާހަކަ ދައްކަވަމުން ގެންދެވިއިރު މަޖިލިސް އޮތީ ވަރަށް ހަލަބޮލިކޮށެވެ. މަޖިލީހުގެ ރިޔާސަތުން ރައީސް އަބްދުﷲ މަސީހު މަޖިލިސް މެދުކަނޑާލެއްވި އިރު ދެން ފަށާނެ އިރެއް ވިދާޅެއް ނުވެ އެވެ.