ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ފުލުހުން "ޖެއްސުން" ކުރާ ކަމަށް ބުނެ، އެ މައްސަލަ ބެލުމަށް މަޖިލީހުގެ އިމްތިޔާޒް ކޮމެޓީ އަށް މިއަދު ހުށަހަޅައިފި އެވެ.
މަޖިލީހުގެ ބައެއް މެމްބަރުން ތަކުރާރުކޮށް މަގުމަތިން ހުއްޓުވައި، ބަލައި ފާސް ކުރާ ކަމަށް ވިދާޅުވެ، އެ މައްސަލަ އިމްތިޔާޒް ކޮމެޓީގެ ސަމާލު ކަމަށް ގެންނެވީ ބިލެއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު މުބީން އެވެ.
މިއަދުގެ ކޮމެޓީގެ ބައްދަލުވުމަށް ފަހު "މިހާރު"އާ ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ މަޖިލިސް މެމްބަރުންނަށް އިމްތިޔާޒްތަކެއް ގާނޫނުން ލިބޭއިރު، އެ ބޭފުޅުން މަގުމަތިން ހުއްޓުވަނީ ސަރުކާރާ ދެކޮޅު ފިކުރުގެ ފުލުހުން ކަމަށެވެ. އަދި އެކަން ކުރަނީ ވަކި މެމްބަރުންތަކަކަށް އަމާޒު ކޮށްގެން ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
"އާންމު ތަންތަނުގައި މެމްބަރުން ބަލައި ފާސް ނުކުރެވޭނެ. އެކަމަކު ފުލުހުން މެމްބަރުންގެ ގަޔަށް އަތްލައި، ސައިކަލް މަޑި ދަށް ޗެކް ކުރުން ވަނީ އާންމުވެފައި،" މުބީން ވިދާޅުވި އެވެ.
މި މައްސަލާގައި މުބީން ހުށަހެޅުއްވީ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން އަރީފްއާ ސުވާލު ކުރުމަށެވެ. ނަމަވެސް އެކަމާ ގުޅިގެން ކޮމެޓީން ވަކި ގޮތެއް އަދި ނުނިންމަ އެވެ.
މުބީން ވިދާޅުވި ގޮތުގައި ޓްރެފިކް މައްސަލައަކާ ހިލާފު ނުވި ނަމަވެސް ފުލުހުން ތަކުރާރުކޮށް މެމްބަރުން ހިފަހައްޓައި އުނދަގޫ ކުރަމުންދާ ކަމުގެ ޝަކުވާ ކޮމެޓީގައި ތިއްބެވި އެހެން މެމްބަރުން ވެސް ކުރެއްވި ކަމަށެވެ. އަދި އެ މައްސަލަ ބެލުމަށް މެމްބަރުން ތާއީދު ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.
"ގިނަ ފުލުހުންނަށް ގާނޫނުގައި އޮތް ގޮތެއް ނޭނގޭ. ބައެއް ފުލުހުންނަށް މެމްބަރުން ވަކި ކުރަން ނޭނގޭ، އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން،" މުބީން ވިދާޅުވި އެވެ.
އިމްތިޔާޒްގެ ގާނޫނުގައި ބުނެފައިވަނީ މެމްބަރުންގެ ގަޔަށް އަތް ލައި، ނުވަތަ އެ ނޫން ގޮތަކަށް ވެސް އާންމު ތަނެއްގައި ބަލައި ފާސްކޮށްގެން ނުވާނެ ކަމަށެވެ. ނަމަވެސް މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވޭނަމަ އެފަދަ ހާލަތުގައި ބަލައި، އިހްތިރާމާއެކު ބަލައި ފާސް ކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިވެ އެވެ. އަދި އާންމު ތަނެއްގައި މެމްބަރަކު ބަލައި ފާސްކުރާނަމަ، އެކަން ކުރަން ވާނީ ޝައްކެއް ނެތް މިންވަރަށް އެފަދަ މެމްބަރަކާ މެދު ތުހުމަތު ކުރެވޭނަމަ އެވެ.