އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ވެރިކަން ނިމޭނެ ކަމަށް ބެލެވޭ އާންމު އިންތިހާބު، ބޭއްވެން އޮތް އެންމެ ފަހު ތާރީހު ކަމަށްވާ އޮކްޓޫބަރު 27 ގައި ބާއްވަން އިޒްރޭލުގެ ގާނޫނު ހަދާ މަޖިލިސް ނެސެޓުން އިއުލާނުކޮށްފި އެވެ.
މިއީ ފަލަސްތީނުގެ ޣައްޒާގައި ހިންގި އުދުވާނާއި އަދި މިހާރުވެސް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާ މެދު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ލީޑަޝިޕާ މެދު ރައްޔިތުން ދެކޭ ގޮތް ބެލުމުގެ ފެންނަ ނުފެންނަ ވޯޓެއްގެ ގޮތުގައި ގިނަ މީހުން ދެކެ އެވެ.
ނެސެޓުގެ މިހާރުގެ ދައުރު މި މަހުގެ 17 އަށް ހަމަވާނެ އެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި، އިޒްރޭލުގައި ވެރިކަންކުރާ ކޯލިޝަނަކުން ފުރިހަމަ ހަތަރު އަހަރުގެ ދައުރެއް ނިންމާލާ ފުރަތަމަ ފަހަރެވެ.
"މިހާރުގެ ނެސެޓް ފުރިހަމަ ދައުރު އަދާކުރާނެ ކަމަށް ބެލެވޭތީ އާއި، ދެން އޮންނަ އާންމު އިންތިހާބު މިހާރު ވެސް އޮކްޓޯބަރު 27 އަށް ގާނޫނުން ކަނޑައަޅާފައިވާތީ، އަދި މަޖިލީހުގެ ދައުރު ކުރުކޮށްލުމުގެ އެއްވެސް ވިސްނުމެއް ނެތުމުން، އާންމު އުސޫލުން ނެސެޓް އުވާލުމުގެ ގާނޫނެއް ފާސްކުރަންޖެހޭ ސަބަބެއް ނެތް،" ޕާލަމަންޓުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
އުމުރުން 76 އަހަރުގެ ނަތަންޔާހޫއަކީ އެކި ދައުރުތައް ހިމެނޭ ގޮތަށް އިޒްރޭލުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި ލީޑަރެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ވެސް ވާދަކުރާނެ ކަމަށް އޭނާ ވަނީ އިއުލާނުކޮށްފަ އެވެ.
ފަހަކަށް އައިސް، އިޒްރޭލުގެ ތާރީހުގައި ވެސް އުފެދުނު ކަނާތު ފިޔައިގެ އެންމެ ހަރުކަށި އެއް ކޯލިޝަން ކަމަށްވާ ނަތަންޔާހޫގެ ސަރުކާރުން ދަނީ، ކޯލިޝަން ވަރުގަދަކޮށް، ބާރާ އެކު އިންތިހާބާ ކުރިމަތިލުމަށްޓަކައި އަވަސް އަރުވާލައިގެން ބިލްތަކެއް ފާސްކުރަން މަސައްކަތްކުރަމުންނެވެ.
މިދިޔަ މަހު ނަތަންޔާހޫ ވަނީ ކަނާތު ފިޔައިގެ ނުވަތަ ވާތު ފިޔައިގެ، ނުވަތަ އަރަބި ޕާޓީތަކަށް ބަރޯސާވާ ސަރުކާރެއްގެ ބަދަލުގައި، ފުޅާ ދާއިރާއެއްގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފަންދަން ބޭނުންވާ ކަމަށް ވެސް ބުނެފަ އެވެ.
އިދިކޮޅު ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރަން އުޅުމުގެ ބޭނުމަކީ، ވަކި ފިކުރެއް ކުރިއެރުވުމުގެ ބަދަލުގައި، ގައުމީ އެއްބައިވަންތަކަމުގެ މައްޗަށް ބިނާކޮށް އިންތިހާބީ ކެމްޕޭން ބައްޓަންކުރުން ކަމަށް ބެލެވެއެވެ.
ނަމަވެސް، ފަހުގެ ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އިޒްރޭލުގެ ގިނަ މީހުން ބޭނުންވަނީ ނަތަންޔާހޫ މަގާމުން ވަކިވުމަށެވެ. އަދި އޭނާގެ އެންމެ ބޮޑު ވާދަވެރިއެއްގެ ގޮތުގައި ފާހަގަކުރެވެނީ ކުރީގެ އަސްކަރީ ވެރިޔާ ގާޑީ އައިސެންކޮޓް އެވެ.
ފެބްރުއަރީ މަހުގެ ފަހުކޮޅު އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ މެދުކަނޑާލަން ހެދި އެއްބަސްވުމުގެ ސަބަބުން ވެސް ނަތަންޔާހޫގެ ސަރުކާރަށް ނުރުހުން އިތުރުވެފައިވެ އެވެ. ސަބަބަކީ އެ އެއްބަސްވުމަކީ އިޒްރޭލަށް ގެއްލުން ހުރި އެއްބަސްވުމެއް ކަމަށް ގިނަ ބަޔަކު ދެކޭތީ އެވެ.
މީގެ އިތުރުން، އޮކްޓޯބަރު 7 ގެ ހަމަލާތަކަކީ ސަލާމަތީ ގޮތުން ފެއިލްވުމުން ދެވުނު ހަމަލާއެއް ކަމަށް ބުނެ ރައްޔިތުންގެ މެދުގައި އުފެދިފައިވާ ރުޅިވެރިކަން އަދިވެސް ފިލައިގެން ނުދެ އެވެ. -- އޭއެފްޕީ