ލުބުނާންގައި ސަލާންޖަހާ ދުވަސްވީ އަންހެނަކު މިލިއަނަރަކަށްވިކަން އެނގުމުން އެތައް ބައެއްގެ ސަމާލުކަން އޭނާ އަށް ހުއްޓިއްޖެ އެވެ.
މެދުއިރުމަތީގެ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ބޭންކް އެކައުންޓް ދައްކާގޮތުން، މިލިއަނަރަކަށްވި ވަފާ މުހައްމަދު އަވާދަކީ ފާއިތުވި 10 އަހަރު ލުބުނާންގެ ސިޑޯން ސިޓީގައި ސަލާންޖަހަމުން ދިޔަ މީހެކެވެ. އޭނާގެ އެކައުންޓްގައި ހުރި ފައިސާއާ ބެހޭ މައުލޫމާތު ހިމެނޭ ލިޔުމެއް ވެސް ސޯޝަލް މީޑިއާގައި މިހާރު އަންނަނީ ދައުރުވަމުންނެވެ.
އެއިން ދައްކާ ގޮތުގައި ލުބުނާންގެ ޖަމާލް ޓްރަސްޓް ބޭންކް (ޖޭޓީބީ) ގައި ހުޅުވާފައިވާ ވަފާގެ އެކައުންޓްގައި 1.33 މިލިއަން ލެބަނީޒް ޕައުންޑް (881,057.26 ޑޮލަރު) އެބަހުއްޓެވެ.
އެކައުންޓްގެ ލިޔުމެއް ލީކްވެފައި މި ވަނީ ޖޭޓީބީ އާއި އެތަނުގެ ސަބްސިޑަރީތަކުން ހިޒުބްﷲ ޖަމާއަތަށް ފަންޑްކުރާ ކަމަށް ބުނެ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓްގެ އެންގުމަކަށް ބޭންކް ބަންދުކުރަން އަންގާފައިވާތީ، ވަފާގެ އެކައުންޓް އެހެން ބޭންކަށް ބަދަލުކުރަން ކުރި މަސައްކަތުގެ ތެރޭގަ އެވެ.
ނަމަވެސް ކަސްޓަމަރެއްގެ ބޭންކް އެކައުންޓްގެ ތަފުސީލުތައް އާންމުވި މައްސަލާގައި ވަރަށް ގިނަ ބަޔަކު ކަންބޮޑުވުންފާޅުކޮށް، ލުބާނާންގެ މަރުކަޒީ ބޭންކަށް ވެސް ފާޑު ކިޔާފައިވެ އެވެ.
މިކަމާ ގުޅިގެން މަރުކަޒީ ބޭންކްގެ ގަވަރުނަރު ރިއާދު ސަލާމޭހް ވިދާޅުވީ ވަފާގެ އެކައުންޓާ ގުޅޭ ޑޮކިއުމަންޓެއް ލީކްވީ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ. އަދި ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތުތައް ރައްކާތެރިކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ވެސް ވިދާޅުވި އެވެ.