މާލޭގެ ބާޒާރުމަތީގައި ސަލާންޖަހާ މީހުންގެ ހާލަތު ބަލައި އެ މީހުންގެ މައްސަލަތަކަށް ހައްލެއް ހޯދައި ދިނުމަށް މަސަައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމުގައި ކުރިއެރުންތަކެއް ހޯދިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ސަލާންޖަހާ މީހުންގެ ހާލަތު ބަލަން މިދިޔަ ފެބްރުއަރީ މަހު އުފެއްދި "އިންޓަވެންޝަން ކޮމިޓީ"ން މިހާތަނަށް 20 މީހެއްގެ ހާލަތު ދެނެގަނެ ކުރިއެރުންތައް ހޯދާފައިވާ ކަމަށެވެ.

ސަލާންޖަހާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކޮމިޓީން ކުރި މަސައްކަތުން ހޯދާފައިވާ ކުރިއެރުންތަކުގެ ގޮތުގައި ޖެންޑާ މިނިސްޓްރީން މައިގަނޑު ހަތަރު ކަމެއް ފާހަގަކޮށްފައި ވެ އެވެ.

ސަލާން ޖަހާ މީހުންނަށް އެހީތެރިވާން އެޅި ފިޔަވަޅުތައް:

ޖެންޑާ މިނިސްޓްރީ އަށް ފާހަގަކުރެވުނު 20 މީހުންގެ ތެރެއިން އިޖުތިމާއީ ރައްކާތެރި ކަމުގެ އޮނިގަނޑުގެ ތެރެއިން ލިބޭ އެލަވަންސްތަކަށް ޝަރުތު ހަމަވާ، އެހެން ނަމަވެސް އެފަދަ އެލަވަންސެއް ހަމަނުޖެހި ތިބި މީހުންނަށް އެލަވަންސް ލިބޭނެ މަގު ތަނަވަސް ކޮށްދީފައިވާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އެ މީހުންގެ ތެރެއިން ސިއްހީ ފަރުވާ އަށް އެހީތެރިކަން ބޭނުންވާ މީހުން ދައުލަތުގެ އެހީދޭ މުއައްސަސާތަކާ ގުޅުވައި ދިނެވެ.

މީގެ އިތުރުން، ހަތަރު މީހަކު ވަޒީފާ ހޯދައިދޭން އެދުމުން ވަޒީފާ ދޭ ފަރާތްތަކާ އެމީހުންނާ ޖެންޑާ މިނިސްޓްރީން ވަނީ ގުޅުވައި ދީފަ އެވެ. އޭގެ ތެރެއިން އެކަކަށް މިހާރު ވަނީ ޖެންޑާ މިނިސްޓްރީން ވަޒީފާ ހަމަޖައްސައިދީފަ އެވެ.

ހަތަރު ވަނަ ކަމަކީ އާއިލީ މައްސަލަތަކުގެ ސަބަބުން މަގުމަތި ވެފައިވާ މީހުންގެ ކަންކަން ބަލައި އާއިލާތަކާ ގުޅުވައި ދިނުމެވެ. އޭގެ ތެރެއިން ބައެއް މީހުން އާއިލާގެ ބެލުމުގެ ދަށަށް ރަށަށް ފޮނުވައި ދިނުމުގައި ޖެންޑާ މިނިސްޓްރީން އެހީތެރިވި އިރު އިތުރަށް ބަލަން ޖެހޭ ދެ މައްސަލައެއް ކަމާ ބެހޭ ފަރާތްކާ ގުޅިގެން އަންނަނީ ބަލަމުންނެވެ.

ބާޒާރުމަތީގައި ސަލާންޖަހާ މީހުންގެ ހާލަތު ބަލަން ކޮމިޓީ އެއް އުފެއްދީ މިދިޔަ ފެބްރުއަރީ މަހު ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ ސަރަހައްދަށް ވަޑައިގެން އެ މީހުންގެ ހާލަތު ބެއްލެވުމަށް ފަހު އެވެ.