އާއްމުކޮށް ކައިވެނި ހަފްލާއެއްގެ ހުރިހާ ކަމެއް ޚާއްސަވާނީ ކައިވެނިކުރާ ދެމަފިރިންނަށެވެ. އެހެން އެންމެން ވަގުތު ހުސްކޮށްގެން އެ މީހުންގެ އުފަލުގައި ބައިވެރިވެ ހަދިޔާ ދީ ހަދާނެ އެވެ. އެކަމަކު މިފަހަރު، ދިވެހި ދެމަފިރިއަކު ގަސްދުކުރީ އެ ދެ މީހުންގެ ބޮޑު ދުވަސް އެހެން ބަޔަކަށް ޚާއްސަކުރާށެވެ.
އިބްރާހިމް މޫސާ (ފޯޑް) އާއި އޭނާގެ އަންހެނުން އައިޝަތު އިޝާމާ (އިޝޫ)ގެ ކައިވެނީގެ ހަފްލާ ބޭނުންކުރީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އެހީވާން ލިބުނު ފުރުސަތެއްގެ ގޮތުގަ އެވެ. ކައިވެނީގެ ހަދިޔާގެ ގޮތުގައި އެ މީހުންނަށް ލިބުނު ހުރިހާ ފައިސާއެއް ބިއުޓިފުލް އައިސް އަށް ހަދިޔާކުރީ އެވެ. ޑައުން ސިންޑްރޯމް ހުންނަ ކުދިންގެ ހައްގުގައި މަސައްކަތްކުރާ އެ ޖަމްއިއްޔާ އަށް ފޯޑް އާއި އިޝޫގެ ފަރާތުން 12،000 ރުފިޔާ ލިބުނެވެ.
ގާތްގަނޑަކަށް 300 މީހުންނަށް ދައުވަތު ދީގެން ހުޅުމާލޭގެ ގޮނޑުދޮށުގައި ބޭއްވި ހިތްގައިމު ހަފްލާގައި ދެ ފަރާތުގެ އާއިލާ އާއި ރައްޓެހިންގެ ފަރާތުން ލިބުނީ ވަރަށް ފުރިހަމަ ތަރުހީބެއް ކަން ފޯޑް ފާހަގަކުރެ އެވެ.
"ވެޑިން ކާޑުގައި ނޯންނާނެ ވަކި އެއްޗެއް ގެންނާކަށް ބުނެފައެއް. ޕާޓީގެ ތެރޭގައި އަޅުގަނޑުމެން އެނައުންސްކުރީ އެ ޖަމިއްޔާއަށް ފައިސާ ހަދިޔާކުރަން ވެގެންނޭ މިއުޅެނީ، އެހީ ދޭން ބޭނުންވާ މީހުން، އެ ތަނުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓަށް ފައިސާ ލައިދޭށޭ،" ފޯޑު ބުންޏެވެ.
ކައިވެނިކުރާ އިރު އެފަދަ ކަމެއް ކުރުމުގެ ހިޔާލު ފޯޑު ކުރިން ވެސް ގެންގުޅުނެވެ. އޭނާ ގަބޫލުކުރާ ގޮތުގައި އާ ހަޔާތެއް ފަށާ އިރު ގިނަ ބައެއްގެ ހެޔޮ ދުއާ ވަރަށް މުހިއްމެވެ. ފޯޑު ބުނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންތަކަކަށް އެހީއެއް ވެދެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
"ވަރަށް ބޮޑަށް ވިސްނާފައި އޮތް ކަމެއް، ވެޑިންގައި ތަފާތު ކަމެއް ކޮށްލުމަކީ. މިކަމުން ބަޔަކަށް ފައިދާތަކެއް ކޮށް، މިކަން ބަލައިގަނެގެން އެހެން މީހުން ވެސް މިފަދަ އެހީތައް ވެދޭނެ ކަމަށް އުއްމީދުކުރަނީ،" ޕަބްލިކް ރިލޭޝަންްސްގެ ދާއިރާގައި މަސައްކަތްކުރާ ފޯޑް ބުންޏެވެ.
ފޯޑް އާއި އިޝޫގެ ހަދިޔާ ބިއުޓިފުލް އައިސް ޖަމިއްޔާ އިން ވަނީ އުފަލާ އެކު ބަލައިގެންފަ އެވެ. އެ ދެމަފިރިންނަށް ޝުކުރު އަދާކޮށް އެ ޖަމިއްޔާ އިން ފޭސްބުކްގައި ބުނެފައިވާ ގޮތުގައި މިއީ ބިއުޓިފުލް އައިސް އަށް މިފަދަ ގޮތަކަށް އެހީ ލިބުނު ފުރަތަމަ ފަހަރެވެ.
ޖަމިއްޔާގެ ފައުންޑާ އަހުމަދު އަންސާމް ވިދާޅުވީ މިއީ ރަނގަޅު ފެށުމަަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
ފޯޑް އާއި އިޝޫ ހަދިޔާކުރި ފައިސާ ހަރަދުކުރާނީ ބިއުޓިފުލް އައިސްގައި ރަޖިސްޓްރީވެފައިވާ ކުދިންގެ ތެރަޕީ އަށާއި ޓީޗަރުންނަށް މުސާރަ ދިނުމަށެވެ.