ޖަޕާނުގެ ގަދީމީ ކުޅިވަރެއް ކަމަށްވާ ސުމޯ ތެޅުންތެރިން ތުނބުޅި ބެހެއްޓުން މަނާކުރާ ގަވައިދެއް ހަދައި، އެއަށް އަމަލު ކުރަން ފަށައިފި އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތުނބުޅި ބެހެއްޓުން މަނާކުރަން ނިންމީ މި ފަހަކަށް އައިސް ބައެއް ސުމޯ ތެޅުންތެރިން ޑީސަންޓް ނޫން ގޮތްގޮތަށް ތުނބުޅި ބެހެއްޓުމުގެ އިތުރަށް، މި ކުޅިވަރުގެ ތެރޭގައި ދައްކުވައި ދޭންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުން ބޭރުވާތީ އެވެ. ނަމަވެސް ޖަޕާނަކީ ސުމޯ ތެޅުންތެރިން ތުނބުޅި ބަހައްޓާ ނަމަ، އެކަމުގެ ސަބަބުން ނަސީބު ރަނގަޅުކޮށްދޭ ކަމަށް ގަބޫލު ވެސް ކުރާ ބަޔަކު އުޅޭ ގައުމެކެވެ.

އަލަށް އަމަލުކުރަން ފެށި ގަވައިދުގެ ދަށުން، ތުނބުޅި ބެހެއްޓުން މަނާކުރުމުގެ އިތުރަށް ހަށިގަނޑުގައި ފާޑުފާޑުގެ ޓެޓޫ ޖެހުމާއި ނިޔަފަތި ދިގުކުރުމަކީ ވެސް މަނާ ކަމެކެވެ.

މިކަމާ ބެހޭ ގޮތުން ޖަޕާން ސުމޯ އެސޯސިއޭޝަން (ޖޭއެސްއޭ) ގެ އިސް އޮފިޝަލަކު މީޑިއާތަކަށް ބުނީ އާ ގަވައިދަކީ ހެޔޮ ބަދަލަކަށް ވާނެ ކަމަށެވެ.

"ސުމޯ ރިންގަކީ ޖަޕާނުގައި ވަރަށް މަތީ މަގާމެއް އަދި ވަރަށް މަތީ ގަދަރެއް ދެވިފައިވާ އެއްޗެއް. އެހެންވީމާ އޭގެ ތެރެއަށް ވަންނަން ވެސް ވާނީ ވަކި ކަހަލަ އުސޫލުތަކެއް ދަމަހައްޓާ އަދި ކުޅިބަލާ މީހުންނަށް ވެސް ބަލަން އުނދަގޫ ނުވާ ކަހަލަ ގޮތްގޮތަށް ތިބޭ މީހުން،" އޮފިޝަލް ވިދާޅުވި އެވެ. "އަހަރެމެން ބޭނުން ވަނީ ސުމޯއަކީ ބެލުންތެރިން ބަލާހިތްވާ ކަހަލަ ކުޅިވަރެއްގެ ގޮތުގައި ދެމިއޮންނަން."