ރީތި ތުނބުޅިއެއް ހޮވަން އޭޑީކޭ ޖެނެރަލް ޓްރޭޑިން އިން ބޭޑްލެބާ ގުޅިގެން ތަފާތު މުބާރާތެއް ފަށައިފި އެވެ.

ބޭޑްލެބަކީ އޭޑީކޭ ޖެނެރަލްސް އިން ވިއްކާ ފިރިހެނުންނަށް ހާއްސަ ފޭސްކްރީމާއި ޝޭމްޕޫ އާއި ސައިބޯނި ފަދަ ޓޮއިލެޓަރީސް ބްރޭންޑެކެވެ.

ނޮވެމްބަރު މަހު ފާހަގަކުރާ މަޝްހޫރު "ނޯޝޭވް ނޮވެމްބާ"އާ ގުޅުވައިގެން އޭޑީކޭއިން ފެށި މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ކޮންމެ ޒުވާނަކަށް ވެސް އެބައޮތެވެ. ފޭސްބުކާއި އިންސްޓަގްރާމް އަދި ޓްވިޓާގައި ހިންގާ މި މުބާރާތުގައި ބައިވެރިވުމަށް ކުރަން ޖެހޭނެހާ ވެސް ކަމަކީ ތުނބުޅީގެ ރީތި ފޮޓޯއެއް ނަގާފައި، ހޭޝްޓެގް ޖެހުމަށް ފަހު ނޯޝޭވެނޮވެމްބާ ލިޔެފައި ޕޯސްޓްކޮށްލުމެވެ.

މި މަސް ނިމުމުގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވާ މި މުބާރާތުގައި އެންމެ ރީތި ތުނބުޅިއެއް ހޮވުމަށް ހަމަޖެހިފައިވަނީ އެކަމަށް ހާއްސަ ޖަޖިން ޕެނަލަކުންނެވެ.

ދިވެހި ޒުވާނުންގެ ތެރޭގައި ތުނބުޅީގެ ފެޝަން އޮތްގޮތް ބެލުމަށް ބާއްވާ މި މުބާރާތުގައި އެންމެ ރީތި ތުނބުޅިއެއް ހޮވަނީ އޭގެ ދިގުމިނާއި ބޮޑުމިނާއި ސްޓައިލް ކުރުމާއި އޭގެ ފިރިހެންވަންތަ ކަމަށް ބެލުމަށް ފަހު އެވެ. މިއިން ކޮންމެ ކެޓަގަރީއަކުން ވެސް 1-10އާ ދެމެދު ޖަޖުން ޕޮއިންޓް ދޭނެ އެވެ.

މުބާރާތް ކާމިޔާބު ކުރާނީ އެންމެ މަތިން މާކްސް ލިބޭ ތުނބުޅިއެކެވެ. އެންމެ ރީތި ތުނބުޅިއަކަށް، އެކަމަށް ހާއްސަ ލަގަބެއް ދޭއިރު، ބޭޑްލެބްގެ ޕްރޮޑަކްޓުތައް ހިލޭ ލިބޭނެ އެވެ.