ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑް ޖެހިޖެހިގެން ހަ ވަނަ ފަހަރަށް ބަރޮސް މޯލްޑިވްސް އިން ހާސިލް ކޮށްފި އެެވެ.
މި މަހު ލިސްބަންގެ 'ޕަޓިއޯ ޑަ ގާލޭގައި' ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގައި ބަރޮސް މޯލްޑިވްސް އަށް އެ އެވޯޑް ލިބުނީ އެމެރިކާ، ޕޯޗުގަލް، ތައިލެންޑް އަދި ބަހާމަސް ފަދަ ޓޫރިޒަމަށް މަޝްހޫރު ރިސޯޓުތަކާ ވާދަކުރުމަށް ފަހު އެވެ.
ބަރޮސް މޯލްޑިވްސް އިން އެންމެ ފުރަތަމަ މި އެވޯޑް ހާސިލްކުރީ 2012 އަހަރާއި 2013 ވަނަ އަހަރު އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް އެ ރިސޯޓުން އަންނަނީ މި އެވޯޑް ހޯދަމުންނެވެ.
މާލެ އަތޮޅުގެ އުތުރުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ 25 މިނެޓު ދުރުގައި އޮންނަ ބަރޮސް މޯލްޑިވްސް ރިސޯޓަކީ ރާއްޖޭގައި ހުޅުވި ތިންވަނަ ރިސޯޓެވެ. އަދި 1979 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ ޑައިވް ސެންޓަރު ވެސް ހުޅުވީ ބަރޮސް މޯލްޑިވްސްގަ އެވެ.
ބަރޮސް މޯލްޑިވްސް އަކީ މަތީ ފެންވަރުގެ ތިން ރެސްޓޯރަންޓާއި، ޝީޝާ ލައުންޖަކާއި ދެ ބާ އާ އެކު ތަރައްގީ ކޮށްފައިވާ ތަނެކެވެ. އަދި މީހުންގެ ތެރޭގައި މިތަން މަގުބޫލުވެފައި ވަނީ ފެހި ގަސްތަކުގެ ތެރޭގައި ބީޗް ވިލާތަކާއި، މީހުންނާއި ދުރުގައި ޕްރައިވެޓް ޕޫލްތަކާ އެކު ހަދާފައިވާ ވޯޓާ ވިލާ އަކީ ހަނީމޫން ހޭދަކޮށްލަންދާ ދެމަފިރިންނަށް ވަރަށް ހިތްގައިމު ތަނެއްގެ ގޮތުގަ އެވެ.