ނިއު ޔޯކް (ޖުލައި 28) - އެމެރިކާގެ ގައުމީ ބާސްކެޓްބޯޅަ ލީގު (އެންބީއޭ)ގެ އެފްރިކާގެ ސްޓްރެޓެޖިކް ޕާޓްރަކަށް، ކުރީގެ ރައީސް ބަރަކް އޮބާމާ ހަމަޖައްސަވައިފި އެވެ.
އެންބީއޭ އަކީ ފްރެންޗައިޒް ބާސްކެޓްބޯޅަ ލީގެކެވެ. އެންބީއޭ އެފްރީކާ އަކީ އެ ބައްރުގައި އެންވީއޭ ބާސްކެޓްބޯޅަ ލީގު އިންތިޒާމުކޮށް އަދި އެންބީއޭ ޕްރަމޯޓް ކުރާ ބްރޭންޑެވެ. އަލަށް ފަށާ އެފްރިކާގެ ބާސްކެޓް ބޯޅަ ލީގު (ބީއޭއެލް) ވެސް ހިންގަނީ އެ ބްރޭންޑުންނެވެ. އޮބާމާ މަސައްކަތް ކުރާނީ ބީއޭއެލްގެ އިޖުތިމާއީ މަސައްކަތަކާ ގުޅޭ ދާއިރާއިންނެވެ.
އެ މަސައްކަތުގެ ތެރޭގައި ޖިންސުގެ ހަމަހަމަކަން ގާއިމު ކުރުމަށް ބާރުއެޅުމުގެ ގޮތުން ހިންގާ ހަރަކާތްތަކާއި އިގްތިސާދީ ވަސީލަތްތައް ހަމަހަމަ ކަމާއެކު ފޯރުކޮށްދިނުމަށް ހިންގާ ހަރަކާތްތަކުގައި އޮބާމާ ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އޮބާމާ އަކީ އެންބީއޭގެ މައިނޯރިޓީ ހިއްސާދާރެކެވެ. އޭގެ ތެރެއިން އޮބާމާ ފައުންޑޭޝަނުން އެފްރިކާ ބައްރުގައި ހިންގާ ޔޫތު ލީޑާޝިޕު ޕްރޮގްރާމަށް ފައިސާ ފޯރުކޮށްދެ އެވެ.
އޮބާމާ އަކީ ބާސްކެޓްގެ ބޮޑު ފޭންއެކެވެ. ކަޅު ނަސްލުގެ ކުޅުންތެރިންނަށް މިދިޔަ އަހަރު ކުރިމަތިވި ހާލަތުގައި އެ ކުޅުންތެރިން އަލުން ބާސްކެޓްކޯޓަށް ނެރުމުގައި އޮބާމާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.