ފޯބްސް އިން ހޮވި 2026 ވަނަ އަހަރުގެ ދުނިޔޭގެ އެންމެ ހިންގުންތެރި ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ޖާގަ ލިބިއްޖެ އެވެ.
ދުނިޔޭގެ ފެންވަރުގައި ދެވުނު މި މިނިވަން ރޭންކިންއާއެކު، ބީއެމްއެލްގެ މާލީ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓްގެ އިތުރުން ރާއްޖޭގެ އިގްތިސާދުގެ މައި ތަނބެއްގެ ގޮތުގައި އެ ބޭންކުން އަދާކުރާ މުހިންމު ދައުރު ކަށަވަރުވެފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ލިސްޓު އެކުލަވާލާފައިވަނީ ފޯބްސް އާއި މާކެޓް ރިސާޗް ފާމް 'ސްޓެޓިސްޓާ' ގުޅިގެންނެވެ. މި ރޭންކިންގެ ފުރަތަމަ އެޑިޝަންގައި 89 ގައުމަކުން ހޮވުނު 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނެ އެވެ.
ފޯބްސް އާއި ސްޓެޓިސްޓާ ގުޅިގެން އެކުލަވައިލި "ވޯލްޑްސް ޓޮޕް ޕާފޯމިން ބޭންކްސް 2026" ރޭންކިންގައި ބޭންކުތައް ވަޒަންކޮށްފައިވަނީ މާލީ އަދި ހިންގުމުގެ ދާއިރާގެ މުހިންމު ހަތަރު މިންގަނޑަކަށް ބަލައިގެންނެވެ. އެއީ ފައިދާ ލިބޭ މިންވަރު، ކުރިއެރުމާއި އާމްދަނީގެ ފެންވަރު، ރައުސްމާލާއި ފަންޑިންގެ ވަރުގަދަކަން، އަދި އެސެޓްގެ ފެންވަރާއި ހިންގުންތެރިކަމެވެ. މި ރޭންކިން އެކުލަވައިލުމުގައި އެސް އެންޑް ޕީ ކެޕިޓަލް އައިކިއު ފަދަ އިތުބާރު ހުރި މާލީ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކުގެ ތަފާސްހިސާބުތަކާއި، ބޭންކުތަކުން އާންމުކޮށްފައިވާ ރިޕޯޓުތަކުގެ އިތުރުން މިނިވަން ދިރާސާތަކަށް ރިއާޔަތްކޮށްފައިވެ އެވެ. މި ލިސްޓު ހަ ގިންތިއަކަށް ބަހާލެވިފައިވާއިރު އެއް ވަނަ ފަންތީގައި ޖޭޕީ މޯގަން ޗޭސް، ޑީބީއެސް، އޯސީބީސީ އަދި އެޗްޑީއެފްސީ ބޭންކް ފަދަ ދުނިޔޭގެ ބޮޑެތި ބޭންކުތައް ހިމެނެ އެވެ.
ބީއެމްއެލް ހިމެނިފައިވަނީ ޖުމްލަ އެސެޓް ތިން ބިލިއަން ޑޮލަރާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުރި ބޭންކުތައް ހިމެނޭ ހަ ވަނަ ފަންތީގަ އެވެ. މި ޓިއަގައި ބީއެމްއެލް ވަޒަންކޮށްފައިވަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ހުރި އެ ބޭންކާ އެއްވަރުގެ މާލީ އިދާރާތަކާ އަޅައިކިޔައިގެންނެވެ.
ބީއެމްއެލް އިން ބުނީ، މި ކާމިޔާބީން ދޭހަކޮށްދެނީ މިއަދުގެ ބަދަލުވަމުންދާ ދުނިޔޭގެ ބޭންކިން މާހައުލުގައި ބީއެމްއެލްގެ މާލީ ނަތީޖާގެ ވަރުގަދަކަމާއި، ހަރުދަނާ ރިސްކް މެނޭޖްމަންޓާއި ލޯނު ދޫކުރުމުގެ އުސޫލުތަކުގެ އިތުރުން، ދެމެހެއްޓެނިވި ކުރިއެރުމާއި ބޭންކުގެ ބެލެންސް ޝީޓުގެ ހަރުދަނާކަން ކަމަށެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، އެފަދަ ރޭންކިން އެއްގައި ހިމެނުމުން އެ ބޭންކްގެ ވަރުގަދަކަމާއި ފުދުންތެރި ރައުސުލްމާލެއް އޮތް މިންވަރު ޔަގީންކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފުރިހަމަ އިތުބާރާއެކު ބޭންކިން ހިދުމަތް ހޯދޭނެ އަދި ހިއްސާދާރުންނަށް ބޭންކުން ހޯދައިދޭ ކުރިއެރުން މިވަނީ ސާބިތުވެފައި. ގައުމީ ބޭންކުގެ ހައިސިއްޔަތުން، ރާއްޖޭގެ އިގްތިސާދަށްޓަކައި އަޅުގަނޑުމެން އަދާކުރަންޖެހޭ ޒިންމާ ފުރިހަމައަށް އުފުލައި، ބޭންކުގެ ބިންގާ ވަރުގަދަކޮށް، މުވައްޒަފުންނާއި ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް، ވިޔަފާރިތަކާއި މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތްކުރުމުގައި ދެމިތިބޭނަން." އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ބޭންކުގެ ހައިސިއްޔަތުން، ބީއެމްއެލް އިން އަންނަނީ އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ އިތުރުން މުޅި މުޖުތަމައަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
ބޭންކުން ބުނީ މި ކާމިޔާބީއަކީ ކަސްޓަމަރުންނާއި، ހިއްސާދާރުން އަދި މުޅި ގައުމުގެ ލާބައަށްޓަކައި މާލީ ހިދުމަތުގެ ފެންވަރު އިތުރަށް މަތިކުރުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ.