އެކައުންޓުގެ ވެރި ފަރާތަށް ނޭނގި އެ މީހާގެ އެކައުންޓުން އެހެން މީހެއްގެ އެކައުންޓަށް 180،000ރ. ޓްރާންސްފާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
ފުލުހުން އާންމުކުރި ވީޑިއޯގައި ފެންނަނީ އަންހެނެކެވެ. ވީޑިއޯ އިން ފެންނަނީ އެ މީހާ ރެސްޓޯރަންޓެއްގެ ތެރެއިން ހިނގާފައި އަންނަނިކޮށެވެ.
ފުލުހުން ބުނީ ފައިސާ ޓްރާންސްފާކުރި ގޮތާ ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެވެން ނެތް ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން މިހާރު ބަލަމުން އަންނަ ކަމަށެވެ.
މި ވީޑިއޯގައިވާ ފެންނަ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީހާ ވެސް އަވަހަކަށް ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
މަކަރާއި ހީލަތުގެ އެކި އަމަލުތައް ހިންގައިގެން މީހުންގެ އަތުން ފައިސާ އަތުލުން އާންމުވެފައި ވާތީ ފުލުހުންނާއި ބޭންކުތަކުން ގެންނަނީ އެކަމަށް އާންމުން ސަމާލުވުމަށް އިލްތިމާސްކުރަމުންނެވެ.