ގއ. ވިލިނގިލީގައި ހުންނަ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބްރާންޗް ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ހަ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.
އެތަނުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގީ، ފުރާޅު ހަލާލުކޮށްލައިގެން އެތެރެއަށް ފައިބައި، ތިޖޫރިތަކަކަށް ގެއްލުންދީގެން ކަމަށް ވެ އެވެ. އެ މައްސަލައިގެ ތަހުގީގަށް ފުލުހުން ވަނީ، އެ ރަށުގެ ދެ ސަރަހައްދެއް ބަންދު ވެސް ކޮށްފަ އެވެ.
ފުލުސް އޮފީހުން ބުނީ ވިލިނގިލީ ބްރާންޗުގެ ފުރާޅު ހަލާލުކޮށްލައިގެން ވަދެ ވައްކަން ކުރި ކަމަށް ރޭ ފަތިހު ރިޕޯޓްކުރުމުން ތަހުގީގު ފަށައި ހަ މީހަކު ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ވައްކަމުގެ ތުހުމަތު ކުރެވުނު މީހުންގެ ތަފްސީލެއް ފުލުހުން އާއްމެއް ނުކުރެ އެވެ.
އެކަމަކު، އޭގެ ތެރެއިން ތުހުމަތު ކުރެވުނުު ބައެއް މީހުންގެ ފަރާތުން ފުލުހުން އަންނަނީ އެކަން ހިނގައިދިޔަ ގޮތް ހޯދަމުންނެވެ.
ފުލުހުން ބުނިގޮތުގައި ވިލިނގިލި ބްރާންޗުން ވަގަށް ނެގި ގިނަ އަދަދެއްގެ ފައިސާ ވެސް މިހާރު ވަނީ ހޯދައިފަ އެވެ. ނަމަވެސް އެތަނުން ވަގަށް ނެގީ، އަދި ތަހުގީގުގައި ފެނުނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
އެ ބްރާންޗުން ދެމުން އައި ޚިދުމަތްތަކަށް ވެސް އެ ވައްކަމާ ގުޅިގެން މިއަދު ބުރޫއެރި އެވެ.