ބާޒާރުން ގަނެގެން ގެންނަ ކާބޯތަކެތީގެ ވަރަށް ގިނަ ބާވަތްތައް ފްރިޖްގައި ބެހެއްޓުމަކީ ވަރަށް ގިނަ މީހުން ކުރާ ކަމެކެވެ. މިކަން ކުރަނީ ވިސްނިފައި އޮންނަ ގޮތަކުން ކަމަށް ވެދާނެ އެވެ. ފްރިޖްގައި އެއްޗެހި ބެހެއްޓުމުން އޭގެ ތާޒާކަން ގިނަ ދުވަހަށް ދެމިހުންނާނެ ކަމަށް ގަބޫލުކުރެވިފައި އޮންނަނީ އެވެ.
އެހެންވެ މޭވާ އާއި ތަރުކާރީ އަދި ޕާން ފަދަ އެއްޗިއްސަކީ ވެސް ވަރަށް އާންމުކޮށް ފްރިޖްގައި ބައެއް މީހުން ބަހައްޓާ އެއްޗިއްސެވެ.
މި ކިޔައިދެނީ ފްރިޖްގައި ބެހެއްޓުން ރަނގަޅު ނޫން ބައެއް އެއްޗިއްސެވެ.
ފުރަތަމަ އެއްޗަކީ ޕާނެވެ. މިއީ އާންމުކޮށް ގިނަ ބަޔަކު ކޮންމެ ދުވަހަކު ހެނދުނު ނާސްތާ އަށް ބޭނުންކުރާ އެއްޗެކެވެ. އެކަމަކު ފްރިޖްތެރޭގައި ޕާން ބެހެއްޓުމަކީ ކުރަން ރަނގަޅު ކަމެއް ނޫނެވެ. އެގޮތަށް ޕާން ބަހައްޓާ ނަމަ މާ އަވަހަށް ޕާން ހަލާކުވެ، އޭގެ ތާޒާކަން ގެއްލޭނެ އެވެ. އަނެއްކޮޅުން، ފްރިޖްގައި ޕާން ބަހައްޓާ ނަމަ ހަރުވެ، ޕާނުގެ އަސްލު ރަހަ ވެސް ގެއްލޭނެ އެވެ.
ޓޮމާޓޯ އަކީ ތާޒާކަން ދެމެހެއްޓުމަށް ވަރަށް އާންމުކޮށް ފްރިޖްގައި ބަހައްޓާ އެއްޗެކެވެ. އެކަމަކު ރަނގަޅު ގޮތަކީ އެހެން ނުހެދުމެވެ. ފްރިޖްގައި ޓޮމާޓޯ ބެހެއްޓުމުން އެ ދޮންވުން ހުއްޓި، އަސްލު ރަހަ ވެސް ގެއްލޭނެ އެވެ.
ފްރިޖްގައި ޓޮމާޓޯ ބަހައްޓާ ނަމަ އޭގެ ގުދުރަތީ ކެމިކަލް ސްޓްރަކްޗާ އަށް ބަދަލު އައިސް، ޓޮމާޓޯގައި އެކުލެވޭ ވޮލެޓައިމް ކޮމްޕައުންޑްތައް ވެސް ނެތިކޮށްލާނެ އެވެ. މީގެ ސަބަބުން ޓޮމާޓޯގެ ހަގީގީ ފައިދާ ގެއްލެން މެދުވެރިވެ އެވެ. ހަމަމިއާ އެކު ޓޮމާޓޯ ފްރިޖްގައި ބަހައްޓާ ނަމަ އޭގެ ކުލަ އާއި ޓެކްސްޗާ އަށް ވެސް ނޭދެވޭ ބަދަލުތައް އަންނާނެ އެވެ. އެހެންވެ ބުއްދިވެރި ގޮތަކަކީ ފްރިޖްގައި ޓޮމާޓޯ ނުބެހެއްޓުމެވެ.
ދެން ދޮންކޭލެވެ. ދޮންވެފައި ހުންނަ ކެޔޮ ފްރިޖްގައި ބެހެއްޓުމުން އޭގެ މުއްދަތު އިތުރުކޮށްދެ އެވެ. އަދި ދޮންވާން ކައިރިވެފައި އޮންނަ ކެޔޮ ފްރޮޖްގައި ބަހައްޓާ ނަމަ އެ ދޮންވުން ހުއްޓުމަކަށް އާދެ އެވެ. އަނެއްކޮޅުން، ފްރިޖްގައި ބަހައްޓާ ނަމަ ދޮންކެޔޮވަކުގެ ތޮށިގަނޑު ކަޅުވާން ދިމާވެ، އަސްލު ރަހަ އަށް ބަދަލު އާދެ އެވެ.
އަލުއްވަކީ ވެސް ފްރިޖްގައި ބަހައްޓަން ޖެހޭ އެއްޗެއް ނޫނެވެ. އެ ފްރިޖްގައި ބަހައްޓާ ނަމަ އަލުވީގައި އެކުލެވޭ ސްޓާޗް ހަކުރަށް ބަދަލުވާން މަގުފަހިވެ އެވެ. ނަތީޖާ އަކީ ކައްކައިގެން ބޭނުންކުރާ އިރު، އަލުވީގައި މާ ބޮޑަށް ފޮނި ރަހަ ލުމެވެ.
އަލުވި ފްރިޖްގައި ބަހައްޓާ ނަމަ ކުލަ އާއި ޓެކްސްޗާ އަށް ބަދަލު އާދެ އެވެ.
ފިޔާ ރައްކާކުރަން އެންމެ ރަނގަޅީ ރަނގަޅަށް ވެންޓިލޭޝަން ލިބޭ އާދައިގެ މިންވަރަކަށް ފިނިހޫނުމިން ހުންނަ ތަނެއްގަ އެވެ. ވަކިން ހާއްސަކޮށް، ތޮށި ނޮޅާފައި ނެތް ނަމަ އެވެ. ހަނދާނުގައި ބަހައްޓަންވީ މި ހާލަތުގައި ފިޔާ ފްރިޖްގައި ނުބެހެއްޓުމެވެ.
ތޮށި ނޮޅާފައި ފްރިޖްގައި ފިޔާ ބެހެއްޓުމަކީ މާ ބޮޑު މައްސަލައެއް ނޫނެވެ. އެކަމަކު އެންމެ ރަނގަޅު ގޮތަކީ މަތިޖެހި އެއްޗެއްގެ ތެރޭގައި ފިޔާ ބެހެއްްޓުމެވެ.
ފްރިޖްގައި ނުބަހައްޓަން ދެން ސަމާލުކަން ދޭންވީ އެކައްޗަކީ ލޮނުމެދެވެ. ލޮނުމެދު ފްރިޖްގައި ބަހައްޓާ ނަމަ އޭގައި ފަންގަސް އުފެދެން މެދުވެރިވާނެ އެވެ. ލޮނުމެދު ރައްކާކުރަން އެންމެ ރަނގަޅީ ވައި ދައުރުވާ ކަހަލަ އަނދިރި ތަނެއްގަ އެވެ.
އޭރުން ލޮނުމެދުން ކުރިތައް ފެޅުމުގެ ފުރުސަތެއް ވެސް ނޯންނާނެ އެވެ.