ރާއްޖޭގެ ސިޔާސީ ދާއިރާ އަށް އަންނަ ބަދަލުތަކަށް ބޭރު ދުނިޔެއިން އަޅާނުލާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޑު ވިދާޅުވެއްޖެ އެވެ.

ނަޝީދުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން، އެ މަނިކުފާނު ކުރައްވަމުން ގެންދެވި "ހުދުމުހާތާރު" ކަންކަން ހުއްޓުވުމަށް ބޭރު ގައުމުތައް ނުކުޅެދިފައިވާ ކަމަށެވެ.

ބަޔާނުގައި ނަޝީީދު ވަނީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވި ފަހުން ގިނަ ކަންތައްތަކެއް ގޯސްކޮށް ކުރެއްވި ކަމަށް ވިދާޅުވެ އެ ކަންކަން ފާހަގަ ކުރައްވައިފަ އެވެ. އެގޮތުން 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބުގެ ތެރެ އަށް ސުޕްރީމު ކޯޓާއި ދައުލަތުގެ ނުފޫޒު އިންތިހާ އަށް ވަދެ، އިންތިހާބު ލަސްކޮށް، ކެންސަލްކޮށް، ކޮންޓްރޯލް ކުރުމާއި ގާނޫނާ ހިލާފު އެތައްް ގާނޫނެއް ފާސް ކުރުމާއި ކޮރަޕްޝަން އާއްމުވުމާއި ޝަރުއީ ދާއިރާ އަށް ސިޔާސީ ނުފޫޒު ވަައްދާފައިވާ ކަމަށް ތުުހުމަތު ކުރެއްވި އެވެ.

ނަޝީދު އެހެން ވިދާޅުވި ނަމަވެސް، 2013 ވަނަ އަހަރުގެ ރިއާސީ އިންތިހާބު ބޭއްވީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.

އަދި އަންނަ މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު، ރައީސް ޔާމީންގެ ފެކްޝަނުން ކުރި ޝަކުވާއަކާ ގުޅިގެން ލަސްކުރުމުން ވެސް ނަޝީދު ވަނީ ފާޑުވިދާޅުވެފަ އެވެ. އޭގެ އިތުރުން އިގްތިސޯދީ ގޮތުން ރާއްޖެ ދަށަށް ދާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ރާއްޖެ އަށް އަންނަމުން މިދާ ނުރައްކާތެރި ބަދަލުތަކަށް، ބައިނަލްއަގްވާމީ ދުނިޔޭން އަޅާނުލުމަކީ ހިތާމަ ހުރި ކަމެކެވެ." މި ވަގުތު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވަމުން ގެންދަވާ ނަޝީދުގެ ބަޔާނުގައި ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ސަބަބުން، ގިނަ މަސައްކަތުން ހޯދި ޑިމޮކްރަސީ އޭގެ އަނެއްކޮޅަށް ބަދަލުވަމުން ދާ ކަމަށާއި އިގްތިސާދީ ގޮތުންނާއި އިޖްތިމާއީ ގޮތުންނާއި ދީނީ ގޮތުން ރާއްޖެ ހައްދުފަހަނަ އަޅައި ދާއިރު އެއީ ޑިމޮކްރެޓިކް މުޖުތަމައުތަކުން އެއްގޮތަކަށް ވެސް އަޅާނުލައި ދޫކޮށްލަން ވާވަރުގެ ކަންތައްތައް ނޫން ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވި އިރު، ރާއްޖޭގައި ހިޔާލު ތަފާތުވުން ހައްތަހާ ބޮޑުވަމުން ދާ ކަމަށާއި އޭގެ ސަބަބުން ސަރުކާރާއި އިދިކޮޅު ޕާޓީތަކާ ދެމެދު ވާހަކަތައް ފަށަން ކުރިމަތިވާ ހުރަސްތައް ވެސް އިތުރު ވަމުން ދާ ކަމަށް، އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާން ކީ މޫން ވިދާޅުވެ، ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.