ބ. މާޅޮހުގައި ބީއެމްއެލްގެ ކޭޝް އެޖެންޓުގެ ހިދުމަތް މިއަދު ތައާރަފު ކޮށްފި އެވެ.
އެ ރަށުގައި މި ހިދުމަތް ތައާރަފު ކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ އެވެ. މިއާއެކު ރާއްޖޭގެ 75 ރަށަކުން މި ހިދުމަތް މިހާރު ލިބޭނެ އެވެ.
ކޭޝް އެޖެންޓުންނަކީ ބޭންކުގެ ބްރާންޗުތަކާއި އޭޓީއެމް ނެތް ރަށްތަކުގައި ފައިސާ ނެގުމާއި ޖަމާ ކުރުމަށް ތައާރަފު ކުރި ހިދުމަތެކެވެ. މި ހިދުމަތް އެންމެ ފުރަތަމަ ތައާރަފު ކުރީ 2015ގަ އެވެ.
މި ހިދުމަތް ފެށީ ހަމައެކަނި ފައިސާ ނެގޭ ހިދުމަތެއް ގޮތުގަ އެވެ. ނަމަވެސް މިހާރު ކޭޝް އެޖެންޓުން މެދުވެރިކޮށް އެއްވެސް ފީއަކާ ނުލައި ފައިސާ ނެގުމާއި ޖަމާ ކުރުމުގެ އިތުރުން ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ވެސް ދެއްކޭނެ އެވެ.
ކޭޝް އެޖެންޓުން މެދުވެރިކޮށް ދުވާލަކު 2،000ރ. އާ ހަމައަށް ފައިސާ ނެގޭނެއިރު 10،000ރ. އާ ހަމައަށް ފައިސާ ޖަމާ ކުރެވޭނެ އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިއީ ބޭންކުގެ އޭޓީއެމް ނެތް ރަށްރަށުގައި ބޭންކުން ދޭ ހިދުމަތްތައް ހޯދޭނެ ފަސޭހަ ނިޒާމެއް ކަމަށެވެ. މި މަސައްކަތުގެ ދަށުން ކުރިއަށް އޮތް މަސްތަކުގައި 100 ރަށަށް މި ހިދުމަތް ފޯރުކޮށްދޭން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއަދު މި ފާހަގަ ކުރެވެނީ އަޅުގަނޑުމެންގެ އޭޖަންޓް ބޭންކިން ހިދުމަތް 75 ވަނަ ރަށަށް ތައާރަފު ކުރެވޭ މުހިންމު މުނާސަބާ. މިއީ މުޅި ރާއްޖެއަށް ބޭންކިން ހިދުމަތް ފޯރުކޮށްދިނުމަށް އަޅުގަނޑުމެން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ބްރާންޗެއް ނުވަތަ އޭޓީއެމް ސެންޓަރެއް ގާއިމްކޮށްފައިވާ ރަށަކަށް ދަތުރު ކުރުމުގެ ބަދަލުގައި މީހުން ދިރިއުޅޭ ރަށްރަށުގައި ބޭންކިން ހިދުމަތް ފަސޭހަކަމާއެކު ހޯދޭނެ ނިޒާމެއް،" ޓީމް ވިދާޅުވި އެވެ.
ބީއެމްއެލް އިން މިހާތަނަށް ވަނީ ރާއްޖޭގެ 20 އަތޮޅުގައި 35 ބްރާންޗާއި 73 ސެލްފް ސާވިސް ސެންޓަރާއި 134 އޭޓީއެމް ގާއިމް ކޮށްފަ އެވެ. އަދި މިހާރު 200އަށް ވުރެ ގިނަ އެޖެންޓުން މެދުވެރިކޮށް ބޭންކިންގެ ހިދުމަތް ވެސް ލިބޭނެ އެވެ.