ބ. މާޅޮހުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ދެ ޓޫރިސްޓަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ރަށް އަރައިފޭބުން އެޗްޕީއޭ އިން މިއަދު މަނާކޮށްފި އެވެ.
އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު މުޖުތަބާ "މިހާރު" އަށް ވިދާޅުވީ، މަޑިފިނޮޅު ގެސްޓް ހައުސްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ދެ ޓޫރިސްޓަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ފުރުމުގެ ކުރިން ނެގި ސާމްޕަލުން ކަމަށެވެ.
ޕޮޒިޓިވްވެފައިވާ ދެ ޓޫރިސްޓުންނަކީ ހަލުވިކަމާ އެކު ކޮވިޑް ފެތުރެމުންދާ އިންޑިއާގެ ދެ މީހެކެވެ.
މާޅޮހުގެ ހަތް މީހަކާ އެ ދެ މީހުން ކޮންޓެކްޓްވެ، މިއަދު މެންދުރެއްހާއިރު އެ ރަށަށް އަރައިފޭބުން މަނާކުރިއިރު މިއީ ކޮވިޑާ ގުޅިގެން އެ ރަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
މާޅޮހުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. ކޮންޓެކްޓްވެގެން ސާމްޕަލް ނެގި އިތުރު ބައެއްގެ ނަތީޖާ ލިބިފައެއް ނުވެ އެވެ.
މި ފަހުން ކޮމިއުނިޓީ ސްޕްރެޑެއް އޮތް މާލެ އިން ކޮންމެ ދުވަހަކު ފެންނަ ކޭސްތައް މަދު ނަމަވެސް ބައެއް ރަށްރަށަަށް ވަނީ ކޮވިޑްގެ ބިރުވެރިކަން ބޮޑުވެފަ އެވެ. ތ. ވޭމަންޑޫގެ ކްލާސްޓާއާ ގުޅިގެން އެ އަތޮޅުގެ ހަ ރަަށަކަށް އަރައިފޭބުން އޮތީ މަނާކޮށްފަ އެވެ.
ކޮވިޑަށް އިއްޔެ ޕޮޒިޓިވްވި 82 މީހަކާއެކު މިހާރު ރާއްޖެ އިން 26،021 މީހުން ވަނީ އެ ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރެއިން 2،584 މީހަކު ފިޔަވައި އެންމެން ވަނީ ބަލިން ރަނގަޅުވެފަ އެވެ.