ބ. މާޅޮހުގައި ސިޓީ ހޮޓަލެއް އިމާރާތްކޮށް، މި ރަށުގެ ތަރައްގީ އަށް އިތުރު މަސައްކަތްތައް ކޮށްދިނުމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވައުދުވެވަޑައިގެންފި އެވެ.

އަންނަ މަހު ބާއްވާ އިންތިހާބުގެ ކެމްޕެއިނަށް، ބ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގައި، މި އަތޮޅު މާޅޮހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައަޅާފައިވާ މި ސަރަހައްދުގެ ހަނިފަރުބޭގައި ޑައިވްކޮށް، އެ ތަން ބެލުމަށް ގިނަ ބަޔަކު ޒިޔާރަތްކުރާ ކަމަށެވެ.

އެ މީހުންނަށް ވެސް ތިބެވޭ ގޮތަށް، ރަޖިސްޓްރީގައި 766 މީހުން އުޅޭ މާޅޮހުގައި ސިޓީ ހޮޓަލެއް އިމާރާތް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ހަނިފަރު ބޭ މިހާރު ހިމާޔަތްކޮށްފައި ވަނީ 10 އަހަރަށެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ މުއްދަތު އިތުރު 10 އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އިއުލާން ކުރައްވައިފަ އެވެ.

ބަޔޮސްފިއާ ރިޒާވުން ލިބޭ އާމްދަނީގެ ބައެއް މާޅޮހާއި ބ. އަތޮޅަށް ހަމަޖެއްސުމަކީ މުހިއްމު ކަމެއް ކަމަށާއި ބަޔޮސްފިއާ ރިޒާވްގެ ތެރެއަށް ވަންނަ މި ރަށުގެ އިހުތިސާސްގައި ހިމެނޭ ތަންތަން ބެލެހެއްޓުން ރަށު ކައުންސިލާ ހަވާލުކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ. އެ ތަނަށް ވަންނަ އާމްދަނީން އެ ކައުންސިލަށް ލިބޭ ގޮތަށް ބަދަލު ގެންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މި ރަށުގެ ސިއްހީ ހިދުމަތް ރަނގަޅު ކުރަންޖެހޭތީ، ސިއްހީ އާ މަރުކަޒެއް އަޅައި، ހިދުމަތްތައް އިތުރުކުރަން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން، މަލްޓިޕާޕަސް ހޯލާއި އިތުރު ކްލާސް ރޫމް ހަދައި، ބޮޑު އާ މިސްކިތެއް އިމާރާތް ކޮށްދޭނެ ކަމަށް ވިދާޅުވި އެވެ.

ޒުވާނުން ބޭނުންވާ ފުޓްސަލާއި ފުޓްބޯޅަ ދަނޑު އަޅައި ފެންބޮޑުވާ ބޮޑެތި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ހުރިހާ ކަމެއްގެ އިތުރުން، މި ރަށު މީހުން ދާނެ ޕިކްނިކް އައިލެންޑެއް ތަރައްގީ ކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގަތެވެ.

އެ މަނިކުފާނު ވަނީ ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ ނިންމުން ފާހަގަކޮށްފަ އެވެ. މި ރަށަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު ދަތިކަން، ބަނދަރުގެ މައްސަލަ ހައްލުކުރަން ވެސް ވެސް ވަނީ ހަވާލުކޮށްފަ އެވެ.

މި ސަރުކާރުން ވަނީ ރާއްޖޭގެ 33 ތަނެއް ހިމާޔަތްކޮށްފަ އެވެ. ރައީސް ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގަނީ ކުރިއަށް އޮތް ޖީލުތަކަށް ވެސް މި ގައުމުގެ ރީތިކަން ވާރުތަކުރެވޭނެ ގޮތަށް ކަމަށެވެ. ތަންތަން ހިމާޔަތް ކުރާއިރު، އެ ތަނަކުން ރަނގަޅު ފައިދާ ލިބޭ ގޮތަށް ނިޒާމް ބަދަލުކޮށް، އެ ރަށާއި އަތޮޅަށް ފައިދާ ހުރި ގޮތަށް ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ، ރައީސް ވަނީ، އެ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ މަނިކުފާނު ވިދާޅުވީ ވޯޓު ދޭއިރު، 2013 ގެ މިއަދާއި 2018 ގެ މިއަދާ ދޭތެރޭ ވިސްނަންޖެހޭ ކަމަށެވެ. އޭރު އެއް އަޑަކަށް ގުގުމާލާފައި އޮތީ އަނިޔާވެރިކަމުގެ ވާހަކަތައް ވިއަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މިއަދު އެ އަޑެއް ނީވޭ ކަމަށެވެ. އޭރު ކައުންސިލްތައް ސަސްޕެންޑް ކުރިޔަސް، މިހާރު ކައުންސިލްތަކަށް ބޮޑެތި ބާރުތަކާއި މިނިވަންކަމާ އެކު މަސައްކަތް ކުރާ ކަމަށާއި އިންޓަނެޓުގެ އަގުބޮޑުވުމުގެ ޝަކުވާތައް ކުރިން އިވުނަސް މިހާރު އެ ކަންބޮޑުވުންތައް ވެސް ނީވޭ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ ޝަކުވާތައް ނީވެނީ މި ފަސް އަހަރު ރައްޔިތުންނަށް ކޮންމެ ވެސް ކަމެއް ކޮށްދީފައި އޮތުމުންނެވެ.

އޭރު ވެސް އައީ ރައްޔިތުންގެ އަޑު އަހައިގެން ކަމަށާއި މިހާރު ފެންނަނީ އެ ކަންތައް ތަންފީޒުވާތަން ކަމަށް ވިދާޅުވި އެވެ.