ރާއްޖޭގެ 13 އަތޮޅެއްގައި އަތޮޅު އޮފީސް 26 ފަހަރެއްގެ މަތިން ހިންގެވި އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަން ވެސް ކުރެއްވި ބ. ކުޑަރިކިލު، މުހައްމަދު ޖަލީލް މިއަދު އަވަހާރަވެއްޖެ އެވެ.
އުމުރުން 74 އަހަރުގައި ޖަލީލް އަވަހާރަވީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު މިއަދު ހެނދުނު މާލޭގައި އޭނާ ދިރިއުޅުއްވާ ގޭގަ އެވެ.
ދިގު މުއްދަތަކަށް ދައުލަތަށް ހިދުމަތްކުރައްވާފައިވާ ޖަލީލް ވަނީ ކުޑަރިކިލުގެ ގިނަ މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އޭގެ ތެރޭގައި އެ ރަށުގެ ކުޑަކަތީބުކަމާއި ގާޒީކަމާއި އަދި މަދަރުސާގެ ނަޒީރުކަން ވެސް ހިމެނެ އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅުގެ މެމްބަރުކަމާއި އެ އަތޮޅު ކުރިއަރުވާ ކޮމެޓީގެ މެމްބަރުކަމުގެ އިތުރުން އެ އަތޮޅުގައި ހުންނަ އެޓާނީ ޖެނަރަލްގެ އެހީތެރިޔާގެ މަގާމު ވެސް ފުރުއްވެވި އެވެ.
ޖަލީލް އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ އެޓޯލްސް މިނިސްޓްރީގަ އެވެ.
އެޓޯލް މިނިސްޓްރީގައި އަދާކުރެއްވި މަގާމުތައް:
- އިންވެސްޓިގޭޓަރުކަން
- ސީނިއާ އިންވެސްޓިގޭޓަރުކަން
- ވަކީލުކަން
- ސީނިއާ އަންޑަ ސެކްރެޓަރީކަން
- ޑިރެކްޓަރުކަން
އަތޮޅުވެރިޔާގެ ބަދަލުކަން ކުރެއްވި އަތޮޅުތައް:
- ށ. ޅ. ކ. އއ. ފ. އަދި ތ. އަތޮޅު އޮފީހުގައި އެއް އަހަރު
- ހއ. އަދި އދ. އަތޮޅު އޮފީހުގައި ދެ ފަހަރު
- ހދ. ލ. ގއ. އަދި ޏ. އަތޮޅުގައި އޮފީހުގައި ތިން ފަހަރު
- ގދ. އަތޮޅު އޮފީހުގައި ހަތަރު ފަހަރު
ދިވެހި ބަހާއި ތާރީހު ދިރާސާކުރައްވާ އަލާ ދީދީ ޓުވީޓްކުރެއްވި ގޮތުގައި، ޖަލީލަކީ ފޮތްކިޔުމަށް ވަރަށް ލޯބި ކުރެއްވި ބޭފުޅެކެވެ. އަދި އެކަން އާލާކުރެއްވުމުގެ ގޮތުން އޭނާ ފޮތް ހަދިޔާ ވެސް ކުރެއްވި އެވެ.
އަތޮޅުވެރިޔާގެ ބަދަލުކަން ކުރެއްވި ދުވަސްވަރު އެކި އަތޮޅުތަކަށް ވަޑައިގެން ފޮރުވިފައި ހުރި ގިނަ ބަސްތަކެއް ދިވެހިބަހުގެ ރަދީފުގައި ހިމަނުއްވަން ފޮނުއްވުމުގެ މަސައްކަތް ވެސް ކުރެއްވި އެވެ. އޭގެ އިތުރުން އޭނާ ވަނީ ޅެން ހައްދަވައި، މަޒުމޫނުތައް ވެސް ލިޔުއްވައިފަ އެވެ.
ޖަލީލަކީ މަޝްހޫރު ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ތަރިކަ އާއި ސަގާފަތާ ބެހޭ މިނިސްޓްރީގައި ޑިރެކްޓަރުކަން ވެސް ކުރައްވާ ޝަމްއޫން ޖަލީލް (ލޫކަސް) ގެ ބައްޕަ އެވެ. ލޫކަސްއާ އެކު ޖަލީލަށް ހަ ބޭފުޅުން ލިބިވަޑައިގަތެވެ. އެއީ ހަތަރު ފިރިހެން ބޭފުޅުންނާއި ދެ އަންހެން ބޭފުޅުންނެވެ.