ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުގެ އެހީއާ އެކު ބ. ކިހާދޫގެ ކުޑަކުދިންގެ ޕާކު ހުޅުވައިފި އެވެ.
ބީއެމްއެލުން ވަނީ އެ ޕާކަށް ބޭނުންވާ ކުޅޭ ސާމާނާއި ސޯލާ ބައްތި ހަދިޔާކޮށްފަ އެވެ. މިއީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުގެ ދެވަނަ ކުއާޓާގައި ހޮވާލެވުނު ފަސް ޕްރޮޖެކްޓުގެ ތެރެއިން ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ބީއެމްއެލުން އެހީތެރިކަން ފޯރުކޮށްދިނީ ފަންޑު ނުލިބުމުގެ ސަބަބުން ޕާކު ނުހުޅުވި އޮންނަތާ ގިނަ ދުވަސް ވުމުގެ ސަބަބުންނެވެ.
މި ޕާކަކީ އެ ރަށު ކުޑަކުދިންނަށް ހެލިފެލިވެ އުޅުމަށާއި، ކުޑަކުދިންނާ ގުޅޭ އެކިއެކި ހަރަކާތްތައް ހިންގުމަށާއި މައިންބަފައިން ދަރިންނާ އެކު ވަގުތު ހޭދަކުރުމަށް ކިހާދޫ ޑިވެލޮޕްމަންޓް ސޮސައިޓީ އާއި އެ ރަށު ކައުންސިލް ގުޅިގެން ތަރައްގީ ކުރަން ފެށި ޕާކެކެވެ. މި ޕާކަށް ބޭނުންވާ ފަންޑު ނެތުމުން ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް އެ ޕްރޮޖެކްޓް ހުށަހެޅީ ކަމަށް ކިހާދޫ ޑެވެލޮޕްމަންޓް ސޮސައިޓީގެ މެމްބަރު އިބްރާހިމް ވަސީމް ބުންޏެވެ.
"މި ޕާކު ތަރައްގީކުރަން އެކި ފަރާތްތަކުގެ އެހީތެރިކަން ލިބުނު. ނަމަވެސް އެކަށީގެންވާ ފަންޑެއް ނުލިބުމުން ބީއެމްއެލް ކޮމިއުނިޓި ފަންޑަށް އެޕްލައި ކުރީ. ބޭންކުން އަޅުގަނޑުމެންގެ ޕްރޮޖެކްޓަށް ދިން އެހީގެ ސަބަބުން ރަށުގެ ކުދިންގެ ދުޅަހެޔޮކަމާ ގުޅިފައިވާ ވަރަށް މުހިންމު މަސައްކަތެއް އަޅުގަނޑުމެންނަށް މި ނިންމާލެވުނީ." ވަސީމް ބުންޏެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުގެ ކޮމިއުނިޓީ ފަންޑުން މިފަދަ ޕްރޮޖެކްޓުތަކަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ ލިބޭ ހިތްހަމަޖެހުމެއް ކަމަށެވެ. އަދި ބޭންކުގެ އަމާޒަކީ ރާއްޖޭގެ އެކި ރަށްތަކުގައި ހުރި މިފަދަ ޕްރޮޖެކްޓުތަކަށް އެހިތެރިކަން ފޯރުކޮށްދީ އެ ޕްރޮޖެކްޓުތައް ނިންމައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް ކޮމިއުނިޓީ ފަންޑަކީ ހިލޭސާބަހަށް ކުރާ މަސައްކަތްތަކަށާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލި ފަންޑެކެވެ. މި ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން ކޮންމެ ކުއާޓާއެއްގައި އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޖެކްޓަކަށް 50,000ރ. ބީއެމްއެލް އިން ދެއެވެ.