ވައްކަމާއި ފޭރުމާއި ޚިޔާނާއި މަކަރާއި ހީލަތުން ފައިސާ ހޯދުން އާންމުވެފައި ވިޔަސް ބ. ހިތާދޫއިން ފެންނަނީ އަދިވެސް ތެދުވެރިން އުޅޭ ކަމުގެ ވަރުގަދަ ހެއްކެކެވެ. އެކި ބާވަތުގެ ކާތަކެއްޗާއި މޭވާއި މިރުސް ފަދަ އެއްޗެހި ވިއްކަން އެ ރަށުގައި ބަހައްޓާފައި ހުންނަނީ މަގުމަތީގަ އެވެ. އަގު ޖަހާފައި ބެހެއްޓުމުން އެ ބޭނުންވާ މީހަކު ގެންދަނީ ފައިސާ ބަހައްޓާފަ އެވެ. ހިތާދޫގައި އޮތް މި ސަގާފަތް ނަމޫނާއަކަށް ވަނީ ތަކެތި ވިއްކަން ނުވަތަ އެތަން ބަލަހައްޓަން މީހަކު ނެތް އިރު ވެސް އެ އެއްޗަކަށް ވާ ފައިސާ ބަހައްޓާފައި އެއްޗެހި ގެންދާއިރު، ވިއްކަން ބަހައްޓާ އެއްޗެއް އަދި ފައިސާއެއް ވެސް ނުގެއްލޭތީ އެވެ.

މިއީ ރާއްޖޭގެ އެހެން ރަށަކުން ނުފެންނަ މަންޒަރެކެވެ. ހިތާދޫއަށް އަރާ އެހެން ރަށްރަށުގެ މީހުންނަށް މިތަން ފެނުމުން ތިބެނީ ހައިރާން ވެފަ އެވެ.

"ކޮންމެ މީހަކު މިރަށް އަޔަސް އެ އެއްޗެހީގެ ފޮޓޯ ނަގާ ހަދާނެ. ހުރިހާ އެންމެން ވެސް ތިބޭނީ ވަރަށް ސަޕްރައިޒް ވެފައި،" މީގެ އަހަރުތަކެއް ކުރިއްސުރެ އެ ރަށު މީހުން ކުރާ އެ ވިޔަފާރިއާ ގުޅޭގޮތުން، ކައުންސިލްގެ ރައީސް އަބްދުއްރަޝީދު އަބްދުލް ޣަފޫރު ވިދާޅުވި އެވެ.

ހިތާދޫ މަގެއްގެ މަތީގައި އެއްޗެހި ވިއްކަން ބަހައްޓާފައި: މިތަން ބަލަހައްޓާކަށް މީހަކު ނުހުރޭ--ފޮޓޯ: ލޫކަސް ޖަލީލު
ހިތާދޫ މަގެއްގެ މަތީގައި އެއްޗެހި ވިއްކަން ބަހައްޓާފައި: މިތަން ބަލަހައްޓާކަށް މީހަކު ނުހުރޭ--ފޮޓޯ: ލޫކަސް ޖަލީލު

އޭނާ ވިދާޅުވި ގޮތުގައި ގޭގައި ތައްޔާރު ކުރާ ކިއްލި އާއި ފޯއް ޕެކެޓާއި ތެލުލި ބަނބުކޭލާއި ހުނިހަކުރު ފަދަ ތަކެތި ބައެއް މީހުން، ގޭގެ ދޮރުމައްޗަށް ނެރެފައި ބަހައްޓާއިރު އަނެއް ބަޔަކު އެތަކެތި ގެންގޮސް ފިހާރަތަކުގެ ދޮރުމަތީގައި ނުވަތަ ގިނައިން މީހުން ގޮސް އުޅޭ ތަންތަނުގައި ބަހައްޓަ އެވެ. ގޭގައި ހުންނަ ފޭރުގަހުގެ ހިޔަލުގައި، ފޭރުތައް ވިއްކަން ބަހައްޓާފައި ހުންނައިރު ބައެއް ގެތަކުން ދޮން ކޭލާއި މިރުސް ފަދަ އެއްޗެހި ނެރެފައި ހުންނަ މަންޒަރު ވެސް ފެނެ އެވެ.

ކިއްލި އާއި ފޯއް ޕެކެޓް ފަދަ އެއްޗެހި ހުންނަނީ ބޮޑު ފުޅިއަކަށް އަޅާފައި އޭގެ އަގު ޖަހާފަ އެވެ. މޭވާ ވެސް ވަކިން އަގު ޖަހާފައި، މޭޒުމަތީގައި އަތުރާލާފައި ހުންނައިރު ފައިސާ އަޅަން ވަކި ފުޅިއެއް ހުރެ އެވެ. އެ އެއްޗެހި ވިކޭތޯ އާއި ފައިސާ ހަމައަށް ލާތޯ ބަލާކަށް މީހަކު ނުހުރެ އެވެ.

ވިއްކަން ބަހައްޓާފައި ހުރި މިރުސް ދަޅުގެ ތެރެއަށް އިތުރަށް ފައިސާ އަޅާފައި ހުރުމުން، އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް އެތަކެތި ވިއްކަން ބެހެއްޓި ތަނުގައި ބާއްވާފައި-- ފޮޓޯ/ ލޫކަސް ޖަލީލް
ވިއްކަން ބަހައްޓާފައި ހުރި މިރުސް ދަޅުގެ ތެރެއަށް އިތުރަށް ފައިސާ އަޅާފައި ހުރުމުން، އެ ފައިސާ އަނބުރާ ރައްދުކޮށްދިނުމަށް އެތަކެތި ވިއްކަން ބެހެއްޓި ތަނުގައި ބާއްވާފައި-- ފޮޓޯ/ ލޫކަސް ޖަލީލް

"އެކަމަކު މިހާތަނަށް އެއްޗެއް ގެއްލިގެން، ނުވަތަ ފައިސާ ކަހަލަ އެއްޗެއް މަދުވެގެން ޝަކުވާއެއް އައިސްފައެއް ނެތް. މީހުން މިގޮތަށް ނެރޭނީ ފައިދާވާތީ ދެއްތޯ؟" 1،300 އަށް ވުރެ ގިނަ މީހުން އުޅޭ އެ ރަށުގެ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ވިއްކަން ނެރޭ އެއްޗެއްސަކީ ކޮން ގެއެއްގެ އެއްޗެއްކަން ވެސް ގިނަ ފަހަރަށް ނޭނގޭ ކަމަށެވެ. ދެވަނަ ފަހަރަށް އެ އެއްޗެއް ހޯދަން ބޭނުމިއްޔާ ޖެހޭނީ މީހުން ކައިރީ އަހައިގެން އޮޅުންފިލުވަން ކަމަށް ވިދާޅުވި އެވެ.

ހިތާދޫ މަގެއްގެ މަތީގައި އެއްޗެހި ވިއްކަން ބަހައްޓާފައި --ފޮޓޯ: ލޫކަސް ޖަލީލް
ހިތާދޫ މަގެއްގެ މަތީގައި އެއްޗެހި ވިއްކަން ބަހައްޓާފައި --ފޮޓޯ: ލޫކަސް ޖަލީލް

ކޮންމެ ވަގުތެއްގައި ވެސް ވިއްކަން ނެރޭ އެއްޗެއް ކަމުގައި ވިޔަސް، ނުވިކި ހުރިހި އެއްޗެހި ނުވަތަ ލިބިފައިވާ ފައިސާ އާއްމުކޮށް ގެއަށް ގެންދަނީ ރޭގަނޑުވުމުންނެވެ. ގެއަށް ގެންދާއިރު އިތުރަށް ފައިސާ ހުރި ކަމުގައި ވާނަމަ، ބައެއް މީހުން ޖެހިގެން އަންނަ ދުވަހު އެ ފައިސާ ހަމަ އެތަނުގައި ބާއްވަ އެވެ.

އާއްމުކޮށް އަންހެނުން ކުރާ މި ވިޔަފާރީގެ ސަބަބުން ގިނަ ބަޔަކަށް ފަސޭހަވާކަން ވެސް ކައުންސިލަރު ފާހަގަ ކުރެއްވި އެވެ.

"މިހެން ހިނގަމުން ދާއިރު ފޯއްކޮޅެއް ކަހަލަ އެއްޗެއް ހޯދަން ބަލާލާއިރު މަގުމަތީގައި ވިއްކަން ބަހައްޓާފައި ހުންނާތީ ވަރަށް ފަސޭހަވޭ. ދެން ހަމަ ވަކި ލާރިއެއް ބާއްވާފައި ނަގައިގެން ދާންވީ،" އޭނާ ވިދާޅުވި އެވެ.

ހިތާދޫ މަގުމަތީގައި ގުޅަ ޕެކެޓްތަކެއް ވިއްކަން ބަހައްޓާފައި: ވިއްކަން ހުންނަ ތަކެއްޗެއް ވެސް އަދި ފައިސާއެއް ވެސް މިހާތަނަށް ގެއްލިފައެއް ނެތް-- ފޮޓޯ/ ލޫކަސް ޖަލީލް
ހިތާދޫ މަގުމަތީގައި ގުޅަ ޕެކެޓްތަކެއް ވިއްކަން ބަހައްޓާފައި: ވިއްކަން ހުންނަ ތަކެއްޗެއް ވެސް އަދި ފައިސާއެއް ވެސް މިހާތަނަށް ގެއްލިފައެއް ނެތް-- ފޮޓޯ/ ލޫކަސް ޖަލީލް

ހިތާދޫ ކައުންސިލުން ބުނީ، މި ވިޔަފާރީގައި ރަށުގެ މީހުންގެ ތެދުވެރިކަމުން ގިނަ ބައެއްގެ ތައުރީފް އެ މީހުންނަށް ލިބޭ ކަމަށެވެ. އެކަމަކު މިއީ އެކަކު އަނެކަކަށް ކުރާ އިހުތިރާމާއި އޮތް ލޯބި ދައްކައިދޭ ކަމެއް ކަމަށް އެތަނުން ބުންޏެވެ.