މުޖުތަމައުގައި މިހާރު އާންމުވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ހީނަރު އާއިލީ ގުޅުންތަކެވެ. މުދަލާއި ފައިސާގެ އިތުރުން ދެމަފިރިން ދެމެދުގައި ޖެހޭ މައްސަލަތަކެވެ. ހުރިހާ ނޭދެވޭ އަސަރެއް ޅަ ދަރިންނަށެވެ.

ޖެންޑަ މިނިސްޓްރީން މިިހާރު ފަށާފައިވާ "ގެވެށި ގުޅުން" ކެމްޕެއިނުގެ ދަށުން މިދިޔަ އަންގާރަ ދުވަހު ސޯޝަލް މީޑިއާގައި އާންމުކުރި "މަގޭ ލޮބުވެތި ގެ" ލަވައިގައި ކިޔައިދެނީ މި ވާހަކަ އެވެ.

އާއިލީ ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށް ހިތްވަރު ދިނުމަށް ހާއްސަކޮށްގެން ޖެންޑަ މިނިސްޓްރީން ޕްރޮޑިއުސްކޮށް، އާދަމް ނަސީރު އިބްރާހިމް ލިޔުއްވި އެ ލަވަ ކިޔަނީ މުހައްމަދު އަބްދުލްޣަނީ (ތޭރަ) އަދި އަބްދުﷲ ފަރީދު (އަބޯ) އެވެ. އެ ލަވައިގެ ރާގު ހެދީ އިބްރާހިމް ޒައިދް އަލީ (ކުޑަ އިއްބެ) އެވެ.

ދެމަފިރިންގެ ދެމެދުގައި އޮންނަ ގުޅުމާއި، ދަރިންނާއި މައިންބަފައިންނާއި އޮންނަ ގުޅުން ފަދަ އާއިލީ ގުޅުންތައް ވަރުގަދަވުމުގެ ސަބަބުން އަމާން ގެއެއް ބިނާވާނެ ކަމަށާއި ގޭތެރޭގެ ކަންކަމުގައި ތަފާތުކުރުން އޮވެގެން ނުވާނެ ކަމާއި އެންމެން ހަމަހަމަ ވާނެ ކަމުގެ މެސެޖު އެ ލަވައިގައި ދެ އެވެ.

އޭގެ އިތުރުން، މާތް ނަބިއްޔާގެ ނަމޫނާ އާއިލީ ގުޅުމުގެ ނަމޫނާ ރިވެތި ސިފަތަކުގެ ވާހަކަ ވެސް ލަވައިގައި ފާހަގަކޮށްފައިވެ އެވެ.

ޖެންޑަ މިނިސްޓްރީގެ ފޭސްބުކް ޕޭޖުގައި އާންމުކުރި އެ ލަވަ ވަނީ މިހާތަނަށް 60،000 އަށް ވުރެ ގިނަ މީހުން ބަލައިފަ އެވެ. އަދި 1،000 އަށް ވުރެ ގިނަ މީހުން ވަނީ ލަވަ ޝެއާކޮށްފަ އެވެ.

"މަގޭ ލޮބުވެތި ގެ" ލަވައިގެ މަންޒަރެއް: ދަރިއަކު މަންމަ އަށް ފެންތަށްޓެއް ދިއްކޮށްލަނީ
"މަގޭ ލޮބުވެތި ގެ" ލަވައިގެ މަންޒަރެއް: ދަރިއަކު މަންމަ އަށް ފެންތަށްޓެއް ދިއްކޮށްލަނީ

ނައިބް ރައީސް ފައިސަލް ނަސީމާއި ކެބިނެޓްގެ މެންބަރުންނާއި ބައެއް މަޖިލިސް މެންބަރުން ވެސް ބައިވެރިވެ ވަޑައިގެންނެވި ހަފްލާއެއްގައި ލޯންޗްކުރި ލަވައާ ގުޅޭ ގޮތުން ޖެންޑަ މިނިސްޓްރީގެ ޑިރެކްޓަރު އަބްދުﷲ އަޝްރަފް ވިދާޅުވީ ހަފްލާގެ ބައިވެރިންނަށް ލަވަ ވަރަށް ކަމުދިޔަ ކަމަށެވެ.

"ވަރަށް 'ޓަޗިން' ލަވަޔެއް ގޮތަށް ސިފަކޮށްދިނީ،" އޭނާ ވިދާޅުވި އެވެ.

އަޝްރަފް ވިދާޅުވީ ލަވައިގެ ޅެންވެރިކަމާއި، ކިޔުމާއި، ވީޑިއޯ، ހިމެނޭހެން ހުރިހާ ކަމަކަށް ވެސް ވަރަށް އެދެވޭ ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ.

ލަވަ ލޯންޗުކުރުމުގެ ހަފްލާގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ.  --ފޮޓޯ: ޖެންޑަ މިނިސްޓްރީ
ލަވަ ލޯންޗުކުރުމުގެ ހަފްލާގައި ނައިބް ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ޖެންޑަ މިނިސްޓްރީ

މީގެ ކުރިން ވެސް އެ މިނިސްޓްރީން އިޖުމާއީ މައްސަލައަކަށް ލަވަޔެއް ނެރެފަ އެވެ. އެއީ ގެވެށި އަނިޔާއަށް ހާއްސަކޮށްގެން އުފެއްދި "ގެވެށި ގުޅުން" ކެމްޕެއިނުގެ ތީމް ލަވަ އެވެ.

އަޝްރަފް ވިދާޅުވީ ކުރީގެ ލަވަޔާ އަޅާބަލާއިރު، ފަހު ލަވަޔަށް ލިބުނު ތަރުހީބު ބޮޑުކަމަށެވެ.

"މި ލަވަޔަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ވެދާނެ މިލަވައިގެ މެސެޖު ޕޮޒިޓިވް ވީމަ ކަމަށް ވެސް. ކުރިން ނެރުނު ލަވަޔަކީ ކުޑަކޮށް ނެގެޓިވްކޮށް ފެނިދާނެ ލަވަޔެއް،" އަޝްރަފް ވިދާޅުވި އެވެ.

"މަގޭ ލޮބުވެތި ގެ" ލަވައިގެ މަންޒަރެއް: އާއިލާއެއް އެކުގައި މޫދުގައި މަޖާކޮށްލަނީ
"މަގޭ ލޮބުވެތި ގެ" ލަވައިގެ މަންޒަރެއް: އާއިލާއެއް އެކުގައި މޫދުގައި މަޖާކޮށްލަނީ

"ގެވެށި ގުޅުން" ކެމްޕެއިނަކީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައުއެއް ބިނާކުރުމަށް މަގުފަހިކުރުމުގެ ގޮތުން 2020 ވަނަ އަހަރުގެ ޖުލައި މަހު ފެށި ގައުމީ ކެމްޕެއިނެކެވެ. މި ލަވައިގެ އިތުރުން އެ މިނިސްޓްރީން އަންނަނީ އެ ކެމްޕެއިނުގެ ދަށުން ވަރަށް ގިނަ ހަރަކާތްތައް ހިންގަމުންނެވެ.