ބިޒްނަސް އާއި ޕީޕަލް ކެޓަގަރީތަކުން ދޭން ހަމަޖެހިފައިވާ "މޯލްޑިވްސް ކަސްޓަމާ އެކްސްޕީރިއަންސް އެވޯޑް" ހަފްލާ މިރޭ ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
ހޮޓެލް ޖެންގައި މިރޭ 8:30 ގައި އޮންނަ މި އެވޯޑަކީ މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބޭއްވި ރާއްޖޭގެ ފުރަތަމަ ކަސްޓަމާ އެކްސްޕީރިއަންސް (ސީއެކްސް) ކޮންފަރެންސްގައި ތައާރަފުކޮށްފައިވާ އެވޯޑެކެވެ.
ކަސްޓަމާ އެކްސްޕީރިއަންސް ފައުންޑޭޝަން މޯލްޑިވްސް (ސީއެކްސްއެފްއޯ) އިން ބުނީ އެވޯޑު ދޭނީ ބިޒްނަސް އާއި ޕީޕަލް ކެޓަގަރީތަކުން ކަމަށެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި، ބޮޑެތި ވިޔަފާރިތަކުގެ އިތުރުން ޕަބްލިކް ސެކްޓާތައް ހިމެނޭނެ ކަމަށެވެ. އަދި އެންޕްލޯއީ އެންގޭޖްމަންޓް، ޑިޖިޓަލް އެކްސްޕީރިއަންސް، ޑިޖިޓަލް ސީއެކްސް އިނޮވޭޝަންގެ އިތުރުން ސީއެކްސް ޓްރެއިނިން ޕްރޮވައިޑާ އަށް އެވޯޑް ދޭނެ ކަމަށް ސީއެކްސްއެފްއޯ އިން ބުނެއެވެ.
މި އެވޯޑްތަކަށް 26 ކެޓަގަރީއަކުން 100 އަށްވުރެ ގިނަ ފަރާތްތަކުން ވާދަކުރެ ވެއެވެ. އަދި އެވޯޑްތައް ދޭނެ ފަރާތްތައް ކަނޑައެޅުމަށް ދެ މަސް ދުވަސް ވަންދެން ޖަޖްކޮށްފައިވާ ކަމަށް ސީއެކްސްއެފްއޯ އިން ބުނެއެވެ.
އެ ފައުންޑޭޝަނުން ބުނީ އެވޯޑް ހަފްލާގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރު ވެސް ސީއެކްސް ކޮންފަރެންސް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ފަރާތުން ބުންޏެވެ.