އެވޮކާޑޯ އަކީ ހަކުރުބަލިން ރައްކާތެރިކޮށްދޭން އެހީވާ މޭވާއެއް ކަމަށް ދިރާސާއެއްގައި ފުރަތަމަ ފަހަރަށް ބުނެފި އެވެ.

މޮލެކިއުލާ ނިއުޓްރިޝަން އެންޑް ފުޑް ރިސާޗް ޖާނަލްގައި ޝާއިއުކޮށްފައިވާ ކެނެޑާގެ ގުއެލްފް ޔުނިވަސިޓީގެ ދިރާސާގައި ބުނި ގޮތުގައި އާންމުކޮށް އެވޮކާޑޯ ކެއުމަކީ ހަކުރުބައްޔަށް ހުށަހެޅުމުން ވެސް ސަލާމަތްކޮށްދޭން އެހީވާ ކަމެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ހަކުރުބަލީގެ މީހުންގެ ލޭގައި އިތުރުވާ ގުލްކޯޒް ބޭރުކޮށްދޭން އެވޮކާޑޯގައި އެކުލެވޭ މާއްދާއެއް ކަމަށްވާ އެވަކެޓިން ބީ (AvoB) މުހިއްމު ދައުރެއް އަދާކޮށްދީ އިންސިއުލިން ރެސިސްޓަންސް ހަމައަކަށް އަޅުވައިދެ އެވެ.

ދިރާސާ ހެދި ޓީމުގެ ޕްރޮފެސަރު ޕޯލް ސްޕެގްނޯލާ ވިދާޅުވި ގޮތުގައި ހަކުރުބަލިން ރައްކާތެރިވުމުގެ ގޮތުން ހަމައެކަނި މޭވާއަކަށް އެވަކާޑޯ އަށް ބަރޯސާވުމަކީ އެ ބަލިން ރައްކާތެރިވެވިދާނެ ކަމެއްގެ ގޮތުގައި ބަލާކަށް ނުވާނެ އެވެ. ސަބަބަކީ މޭވާގައި އެވަކެޓިން ބީ އެކުލެވޭ މިންވަރު ތަފާތުވުމެވެ.

"ހަމައެއާ އެކު އަދި ސާފެއް ނޫން އެވޮކާޑޯއެއް ކާލީމަ ޑައިޖެސްޝަނާއި ދެން އޭގެ ސަބަބުން ކުރާ އަސަރުތައް މަސައްކަތްކުރަނީ ސީދާ ކިހިނެއް ކަމެއް،" ޕޯލް ވިދާޅުވި އެވެ. "ނަމަވެސް އެވޮކާޑޯ އަކީ ފަލަވާ ނަމަ ޑައިޓްގައި ހިމެނުން ވަރަށް ރަނގަޅު މޭވާއެއް."

ޕޯލް ވިދާޅުވި ގޮތުގައި ހަކުރުބައްޔާއި ފަލަވުން ފަދަ ސިއްހީ މައްސަލަތަކުން ރައްކާތެރިވާން ބޭނުން ނަމަ އެންމެ މުހިއްމު ދެ ކަމަކީ ދުޅަހެޔޮ ޑައިޓެއް ގެންގުޅުމާއި ގަވައިދުން ކަސްރަތުކުރުމެވެ. އެހެންވެ ޑައިޓަށް ގެންނަ ބަދަލުގެ ތެރެއަށް އެވޮކާޑޯ އިތުރުވުމަކީ ސިއްހީ ގޮތުން ވަރަށް ރަނގަޅު އާދައަކަށްވާނެ ކަމަށް ވިދާޅުވި އެވެ.