ފަންޑު މެނޭޖްމަންޓާއި އެޑްވައިޒަރީ ހިދުމަތް ދޭ ކުންފުންޏެއް ކުރީގެ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތުގެ ބައިވެރިވުމާ އެކު އުފައްދައިފި އެވެ.
"ފަސްޓް ނެޝަނަލް ފައިނޭންސިން ކޯޕަރޭޝަން" ގެ ނަމުގައި އުފެއްދި މި ކުންފުނީގައި ޒިޔަތު އަދާކުރައްވަނީ ސީއީއޯގެ މަގާމެވެ. ޒިޔަތުގެ އިތުރުން މި ކުންފުނީގައި މާލީ ދާއިރާގެ ތަޖުރިބާކާރު ދިވެހިން ހިމެނެ އެވެ.
މި ކުންފުނީގެ ޗެއާޕާސަނަކީ އެކައުންޓިން ފާމެއް ކަމަށްވާ އެމްއެޗްޕީއޭގެ މެނޭޖިން ޕާޓްނަރު، ރިފާއަތު ޖަލީލެވެ. އޭނާ އަކީ މާލީ ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ސަޓިފައިޑް ޕަބްލިކް އެކައުންޓެންޓެކެވެ. އަދި އޭނާ އަކީ ސީޕީއޭ- އޮސްޓްރޭލިއާގެ މެމްބަރެއް ވެސް މެ އެވެ.
ކްރޯ ގްލޯބަލް ނެޓްވޯކް ފާމެއް ކަމަށްވާ ކްރޯ މޯލްޑިވްސްގެ ޕާޓްނާ އަދި ޑައިރެކްޓަރު ހަސަން މުހައްމަދަކީ ވެސް މި ކުންފުނީގެ ބޯޑު މެމްބަރެކެވެ. އޭނާ އަކީ އިނގިރޭސި ވިލާތުގެ އޭސީސީއޭގެ ފެލޯ މެމްބަރެކެވެ. ޗާޓަޑް އެކައުންޓެންޓްސް މޯލްޑިވްސްގެ ރައީސްކަން ވެސް ކުރައްވާ ހަސަން އަކީ އެ އިންސްޓިޓިއުޓްގެ ޓެކްނިކަލް ކޮމިޓީގެ ރައީސްގެ އިތުރުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް އިންޓާނަލް އޮޑިޓް ކޮމިޓީގެ ޗެއާ އެވެ.
އެނގިފައިވާ ގޮތުގައި މި ކުންފުނީގެ ޗީފް އިންވެސްޓްމަންޓް އޮފިސަރަކީ ޕެންޝަން ފަންޑުގެ ކުރީގެ ސީއެފްއޯ އަބްދުލް ހަލީމް އަބްދުއްލަތީފެވެ. ހަލީމަކީ އިނގިރޭސިވިލާތުގެ ސީމާގެ މެމްބަރެކެވެ. އޭނާއަކީ ބޭންކިން އާއި އިންޝުރަންސް ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި މިހާރު ވެސް ކްރޯ އެޑްވައިޒަރީގެ މެނޭޖިން ޑިރެކްޓަރެވެ. އޭނާ މިހާރު އަންނަނީ ޕެންޝަން ފަންޑުގެ ބޯޑުގެ މެމްބަރު ކަމާއި ރެޑްކްރެސެންޓް މޯލްޑިވްސްގެ ރައީސްގެ މަގާމު ވެސް އަދާ ކުރައްވަމުންނެވެ.
ފަސްޓް ނޭޝަނަލް ފައިނޭންސިން ކޯޕަރޭޝަން ސީއީއޯ ޒިޔަތު ވިދާޅުވީ އެ ކުންފުނީގެ މަގުސަދަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ރާއްޖޭގެ އިގްތިސާދާއި ބައިނަލްއަގުވާމީ މާލީ ނިޒާމު ގުޅުވާލުން ކަމަށެވެ. އަދި މީގެ ތެރެއިން ކުންފުނީގެ ބައިވެރިންނަށް އިތުރު މާލީ ފުރުސަތުތަކާއި މަންފާ ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތަސައްވުރަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް ކުރިއެރުން ގެނެސް، ދިވެހި އިގްތިސާދު ބައިނަލްއަގުވާމީ މާލީ ނިޒާމާއި ގުޅުވާލުން، އަދި މިކަމުގެ ތެރެއިން އަޅުގަނޑުމެންގެ ވިޔަފާރީގެ ބައިވެރިންނަށް އިތުރު މާލީ ފުރުސަތުތަކާއި މަންފާ ހޯދައިދިނުން. އަދި ވިޔަފާރިތަކަށް ފަންޑު ހޯދައި ދިނުމާއި، ސިންޑިކޭޝަން އާއި ސެކިއުރިޓައިޒް ކުރުމާއި، މިވަގުތު ރާއްޖެއަށް މިދާއިރާ އިން އިތުރު ހިދުމަތްތަކެއް ތައާރަފުކުރުން،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މި ކުންފުނީގެ ސަބަބުން ރާއްޖޭގެ ފައިނޭންޝަލް ސެކްޓާއަށް ހެޔޮ ބަދަލުތަކެއް ތައާރަފު ކުރެވޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.
މި ކުންފުނީގެ 60 ޕަސެންޓަކީ ކުންފުނީގެ މަސްއޫލުވެރިންގެ ހިއްސާ އެވެ. އަދި ބާކީ 40 ޕަސެންޓަކީ ޕްރައިވެޓް ޕްލޭސްމަންޓް އުސޫލުން، ހޮވާލެވޭ އިންވެސްޓަރުންނަށް ވިއްކާ ހިއްސާ އެވެ.