މި މަހު ބޭއްވި 10 ވަނަ މައިލޯ އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި އަންހެން ޓްރިޕަލް ޖަމްޕުގެ ގައުމީ ރެކޯޑް، ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ނޫރާ އަބްދުލް ވަހީދު އާކޮށްފި އެވެ.

މުބާރާތުގައި ޓްރިޕަލް ޖަމްޕުން އޭނާ ގައުމީ ރެކޯޑް އާކުރީ 10.47 މީޓަރަށް ފުންމައިގެންނެވެ. އެ އިވެންޓްގެ ދެވަނަ ހޯދި އަހުނާ ނިޒާރު ވަނީ 10.46 މީޓަރު ދުރަށް ފުންމައިފަ އެވެ.

މީގެ ކުރިން ވެސް ޓްރިޕަލް ޖަމްޕްގެ ރެކޯޑް އޮންނަނީ ނޫރާގެ އަތުގަ އެވެ. އޭނާ ވަނީ 2021 ވަނަ އަހަރު އޮތް ގައުމީ ޓީމް ޓްރަޔަލްސް ގައި 9.97 މީޓަރަށް ފުންމައިފަ އެވެ.

ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ބޭއްވި މި އަހަރުގެ އެސޯސިއޭޝަން ޗެމްޕިއަންޝިޕްގައި ނޫރާ ވަނީ ލޯންގް ޖަމްޕްގައި 4.66 މީޓަރު ދުރަށް ފުންމައިގެން ދެވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ 4.95 މީޓަރަށް ފުންމި ކްލަބް ރާވެރިޔާގެ އައިޝަތު ޝައިމް އަޒީޒް އެވެ.

ހައި ޖަމްޕްގައި ނޫރާ ވަނީ 1.37 މީޓަރު މައްޗަށް ފުންމައިގެން ތިންވަނަ ހޯދައިފަ އެވެ. އެއްވަނަ ހޯދީ 1.43 މީޓަރު މައްޗަށް ފުންމި ޝައިމް އެވެ. ދެވަނަ ހޯދީ 1.40 މީޓަރު މައްޗަށް ފުންމި ފަސުހާ އަހުމަދެވެ.

ނޫރާ އަކީ މިދިޔަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑަރިޓީ ގޭމްސް އަށް ދިޔަ ރާއްޖޭގެ ގައުމީ އެތުލެޓިކްސް ޓީމުގައި ވެސް ހިމެނުނު އެތުލީޓެކެވެ.

މިދިޔަ އަހަރާ ހަމައަށް ނޫރާ އަކީ ލޯންގް ޖަމްޕްގައި ވެސް ގައުމީ ރެކޯޑް އޮންނަ އެތުލީޓެވެ. އެއީ 2019 ވަނަ އަހަރު 4.99 މީޓަރަށް ފުންމައިގެންނެވެ. މިދިޔަ އަހަރުގެ ގައުމީ ގްރޯން ޕްރީ ގައި އެ ރެކޯޑް މުގުރާލީ، 5.19 މީޓަރު ދުރަށް ފުންމި މަރިޔަމް ރޫޔާ އެވެ.

ޑިސްކަސް ތުރޯ ގެ ގައުމީ ރެކޯޑް އާކުރި އައިނީ.--
ޑިސްކަސް ތުރޯ ގެ ގައުމީ ރެކޯޑް އާކުރި އައިނީ.--

އެސޯސިއޭޝަން ޗެމްޕިއަންޝިޕް ގައި ޑިސްކަސް ތުރޯ (ޑިސްކު އުކުން) އިން ވެސް ވަނީ ގައުމީ ރެކޯޑް އާކޮށްފަ އެވެ. ޑިސްކް އުކުމުން ގައުމީ ރެކޯޑް އާކުރީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ އައިޝަތު އައިނީ މުހައްމަދެވެ. އެއީ 29.99 މީޓަރު ދުރަށް އެއްލައިގެންނެވެ.

އެތުލެޓިކްސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ މި އަހަރުގެ އެއްވަނަ އެތުލީޓުންނަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބުގެ ހުސެއިން ފަޒީލް ހާރޫން (ފްލޭޝް) އާއި ޝައިމް އެވެ. ފަނަރަ އަހަރުން ދަށުގެ އެންމެ މޮޅު އެތުލީޓުންނަށް ހޮވުނީ ރާވެރިޔާގެ ސުހައިލް އަބްދުލް ސަމަދާއި ހާފިޒް އަހުމަދު ސްކޫލްގެ އައިޝަތު ސާހީ ޝާހިދެވެ.

ފިރިހެނުންގެ ބައިން އެންމެ މޮޅު ކްލަބަކަށް ހޮވުނީ ދިވެހި ސިފައިންގެ ކްލަބެވެ. އަންހެނުންގެ ބައިން ރާވެރިޔާ އެވެ. ފަނަރަ އަހަރުން ދަށަށް ބަލައިލާއިރު ފިރިހެނުންގެ ބައިން އެއް ވަނަ ހޯދީ ހާފިޒް އަހުމަދު ސްކޫލެވެ. އަންހެނުންގެ ބައިން އެއްވަނަ ހޯދީ ޝަރީފް ސްޕޯޓްސް އެވެ.