އަހުލާގީ މައްސަލައެއްގައި، ރާއްޖޭގެ މެރެތަން ދުވުންތެރިޔާ ޝިފާޒު މުހައްމަދު ގައުމީ ޓީމުން އެކަހެރި ކޮށްފި އެވެ.
ޝިފާޒު އެކަހެރި ކޮށްފައިވާކަން، އެތުލެޓިކްސް އެސޯސިއޭޝަނުން ވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ. ނަމަވެސް އޭނާ އެކެހެރި ކުރީ ސީދާ ކޮން މައްސަލައަކާ ގުޅިގެން ކަމެއް އެސޯސިއޭޝަނަކުން ނުބުނެ އެވެ.
އަހްލާގީ މައްސަލައަކާ ގުޅިގެން ޝިފާޒު ސަސްޕެންޑް ކުރީތޯ "މިހާރު" އިން ސުވާލު ކުރުމުން އެތުލެޓިކްސް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވީ ސަސްޕެންޑް ނުކުރާ ކަމަށާއި ނަމަވެސް ގައުމީ ޓީމުން އެކަހެރި ކޮށްފައިވާ ކަމަށެވެ. އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކަށް ވާތީ މައްސަލައިގެ ތަފްސީލު ދެވެން ނެތް ކަމަށެވެ.
"މައްސަލަ ބަލައި ނިމުނީމާ އެނގޭނީ ކިހިނެއްކަން އަމަލު ކުރާނީ، ސަސްޕެންޑް ކުރަން ޖެހޭތޯ އަދި ނުޖެހޭތޯ ވެސް،" އޮފިޝަލް ވިދާޅުވި އެވެ. "އެސޯސިއޭޝަންގެ އެއްވެސް މުބާރާތެއްގައި ވެސް ބައިވެރިއެއް ނުވެވޭނެ. ނަމަވެސް އަމިއްލަ ގޮތުން ޓްރޭނިންތައް ކުރިއަށް ގެންދެވޭނެ."
އާންމުންނަށް ވެސް ހުޅުވާލާފައިވާ މާފަންނު ސްޓޭޑިއަމްގެ ދުވާ ޓްރެކުގައި ޝިފާޒަށް ވެސް ޓްރޭނިން ހެދޭނެ އެވެ. އަދި އޭނާ ދަނީ އަމިއްލަ ގޮތުން ޓްރެކުގައި ޓްރޭނިން ހަދަމުންނެވެ. ނަމަވެސް އެތުލެޓިކްސް އެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިވާ ހުޅުމާލޭ ދުވާ ޓްރެކަށް ވަނުން އޭނާ އަށް މަނާ ވާނެ އެވެ.
"ހުޅުމާލޭ ޓްރެކުގައި ވެސް ރޭގަނޑު އާންމުންނަށް ހުޅުވާލާނެ. އެ ވަގުތުތަކުގައި އޭނާ އަށް އެތަން ބޭނުން ކުރެވޭނީ." އޮފިޝަލް ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ޝިފާޒުއާ ގުޅުންހުރި ބަދުއަހުލާގީ މައްސަލައެއް ދަނީ ބަލަމުންނެވެ. ގައުމީ މެރެތަން ރެކޯޑް އޮޮންނަ ޝިފާޒް ސަސްޕެންޑް ކޮށްފައި ހުންނަތާ ދުވަސްތަކެއް ވެއްޖެ އެވެ.
ޝިފާޒު އެންމެ ފަހުން ރާއްޖެ ތަމްސީލު ކުރީ ނޭޕާލްގައި 2019 ގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގަ އެވެ. އެ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް އޭނާ ވަނީ ހަތަރު ވަނަ ހޯދައިފަ އެވެ. އެ ގޭމްސްގައި މެޑަލް އަކާ ވަރަށް ގާތަށް ދެވުނެވެ. ބްރޯންޒް މެޑަލް ހޯދި މަޑަގަސްކަރައިގެ އެތުލީޓަށް ވުރެ ޝީފާޒަށް ރޭސް ނިންމުނީ 11 ސިކުންތު ލަހުންނެވެ.
އެ ގޭމްސްގައި އޭނާ ވަނީ 1 ގަޑި 10:55 މިނެޓުން ރޭސް ނިންމައި ގައުމީ ރެކޯޑް މުގުރާލައިފަ އެވެ. ކުރިން ޝިފާޒު އަތުގައި ވެސް އެ ރެކޯޑް އޮތެވެ. ނަމަވެސް 2019 ގައި އެ ރެކޯޑް އޭނާ މުގުރާލުމުގެ ކުރިން، އެ ރެކޯޑް އޮތީ އަހްމަދު ޝަރަފު އަތުގަ އެވެ. އޭނާ އެ ރެކޯޑް ހެދީ އޭޕްރީލް 2019 ގައި މޮރޮކޯ ގައި ބޭއްވި ރަބާތު އިންޓަނޭޝަނަލް މެރަތޮންގައި 1 ގަޑި 12:52 ރޭ ނިންމައިގެންނެވެ. ޝަރަފު އޭރު ރެކޯޑް ހެދުމުގެ ކުރިން އެ ރެކޯޑް އޮންނަނީ ޝިފާޒު އަތުގަ އެވެ.