އެންމެ ފަހުގެ މުބާރާތުގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ ހޯދި ހަސަން ސާއިދު ހިމަނައިގެން މި އަހަރުގެ އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ އެތުލެޓިކްސް ޓީމު ފައިނަލްކޮށްފި އެވެ.
އޭޕްރިލް 19 އިން 24 އަށް ބާއްވާ މުބާރާތުގައި ވާދަކުރާނީ ސާއިދުގެ އިތުރުން އިބްރާހިމް އަފްޝާން އަލީ (އައްޕި) އާއި ނުޖޫމް ހަސަން އާއި ހުސެއިން ފަޒީލް ހާރޫނާއި ސަރީސް އަހުމަދާއި އިބާދުﷲ އާދަމް އަދި ހުސެއިން ރިޒާ އެވެ.
މި ޓީމު ފައިނަލް ކޮށްފައިވަނީ އިންޑިއާ ސަރުކާރުގެ އެހީގައި އެ ގައުމުގެ ބެންގަލޫރުގައި ހެދި ދެ މަސް ދުވަހުގެ ތަމްރީންތަކަށް ފަހު އެވެ. މި ޓީމުގެ މިޑްލް ޑިސްޓެންސް ކޯޗަކީ އިންޑިއާގެ އަލަގަވްޑީ ޝިވަނަޑާ އެވެ. ސްޕްރިންޓް ކޯޗަކީ އަހުމަދު ފާއިލް އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން ޝިވަނަޑާ އަށް ދީފައިވާ ޓާގެޓްތަކަށް މި މުބާރާތުގައި ވާސިލްވެވިއްޖެ އޭނާ ދިގު މުއްދަތަކަށް ބެހެއްޓުމުގެ ފުރުސަތު އެބައޮތެވެ.
އިންޑިއާގައި 2017 ވަނަ އަހަރު ބޭއްވި އޭޝިއަން ޗެމްޕިއަންޝިޕުގެ 100 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށް ހަތަރު ވަނަ ހޯދުމާ އެކު ސާއިދު ވެގެން ދިޔައީ މަތީ ފަންތީގެ ކުޅިވަރަކުން އެންމެ ބޮޑު ކާމިޔާބެއް ހޯދި ދިވެއްސަށެވެ. އެ ފަހުރުވެރި ކާމިޔާބާއާ އެކު އޭނާ އަކީ އޭރު މި ބިޔަ އޭޝިއާގެ ހަތަރު ވަނަ އަށް އެންމެ ބާރު ދުވުންތެރިޔާ އެވެ. ސާއިދު ފިޔަވައި ދެކުނު އޭޝިއާގެ އެހެން އެތުލީޓަކަށް ފައިނަލުން ފުރުސަތެއް ނުލިބެ އެވެ. އެހެންކަމުން އޭނާ އޭރުވީ އޭޝިއާގެ އެތުލެޓިކްސް އެންމެ ޝަރަފްވެރި މުބާރާތުގެ އެންމެ ހާއްސަ އިވެންޓުގެ ފައިނަލުގައި ދެކުނު އޭޝިއާ ތަމްސީލްކުރި ދުވުންތެރިޔާ އަށް ވެސް މެ އެވެ. އެއީ 2015 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރު ދުވުމުން ހޯދި ރަން މެޑަލަށް ވުރެ ވެސް ނިސްބަތުން ބޮޑު ކާމިޔާބެކެވެ.
މި ފަހަރު ސާއިދު ވާދަކުރާނީ 100 މީޓަރު ދުވުމާއި 100 މީޓަރު އަދި 400 މީޓަރު ރިލޭގަ އެވެ. ސަރީސް ވެސް އެ ތިން އިވެންޓުގައި ވާދަކުރާނެ އެވެ. އައްޕި އާއި އިބާދުﷲ ވާދަކުރާނީ 200 މީޓަރު ދުވުމާއި 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ނުޖޫމް ދުވުމަށް ހަމަޖެހިފައިވަނީ 100 މީޓަރު ރިލޭ އާއި 400 މީޓަރު ރިލޭގަ އެވެ. ރިޒާ ތިން އިވެންޓެއްގައި ދުވާނެ އެވެ. އެއީ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުން އަދި 400 މީޓަރު ރިލޭ އެވެ. ފަޒީލް ދުވާނީ 5000 މީޓަރު ރޭހާއި 10،000 މީޓަރު ރޭހުގަ އެވެ.
އިންޑިއާގައި ތަމްރީން ހެދި ދުވުންތެރިންގެ ތެރެއިން މުބާރާތަށް ނުދެވެނީ އަނިޔާގައި ހުރި އުއްމީދީ ދުވުންތެރިޔާ މުހައްމަދު ނާއިލަށެވެ.
އެތުލެޓިކްސް އެސޯސިއޭޝަނުން ބުނީ އޭޝިއަން ޗެމްޕިއަންޝިޕާ އެކު އިންޑިއާ އިން ދިން ތަމްރީން ޕްރޮގްރާމް ނިމޭނެ ކަމަށާއި އެއަށް ފަހު އޮންނާނީ ޖުލައި މަހު އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ތައްޔާރީތައް ކަމަށެވެ. އެ ގޭމްސް އަށް ތައްޔާރުވުމުގެ ގޮތުން ދިގު ރާސްތާ ދެ ދުވުންތެރިން ކަމަށްވާ އަހުމަދު ޝަރަފާއި ޝިފާޒް މުހައްމަދަށް ތަމްރީން ފުރުސަތު ވަނީ މިހާރު ވެސް ހޯދައިދީފަ އެވެ. ޝިފާޒް ކެންޔާގައި ތަމްރީން ހަދަމުން އަންނައިރު ޝަރަފް ހުރީ މޮރޮކޯގަ އެވެ.