ކުރިއަށް އޮތް އޭޝިއަން އެތުލެޓިކްސް ޗެމްޕިއަންޝިޕަށް ތައްޔާރުވުމަށް ގައުމީ އެތުލެޓިކްސް ސްކޮޑް އެއް މަސް ދުވަހުގެ ތަމްރީން ފުރިހަމަކުރުމަށް އިންޑިއާގެ ބެންގަލޫރަށް އިއްޔެ ފުރައިފި އެވެ.

އިންޑިއާގެ އޮޑިޝާގެ ވެރިރަށް ބުބަނިޝްވާރުގައި ޖުލައި 6-9 އަށް ބާއްވާ އޭޝިއަން ޗެމްޕިއަންޝިޕުގެ ކުރިން ގައުމީ ޓީމަށް އެއް މަސް ދުވަހުގެ ތަމްރީން ކޭމްޕެއް ހަމަޖައްސައިދިނީ އެތުލެޓިކްސް އެސޯސިއޭޝަން މެދުވެރިވެގެން އިންޑިއާގެ ސަރުކާރުންނެވެ.

ތަމްރީން ހަދަން ދިޔަ ސްކޮޑުގައި 10 އެތުލީޓުން ހިމެނޭއިރު މުބާރާތުން ރާއްޖެ އަށް ލިބެނީ ފަސް ޖާގަ އެވެ. އެހެންވެ އާއްމު އުސޫލުގެ ދަށުން މުބާރާރުގައި ރާއްޖޭން ވާދަކުރާ ފައިނަލް ސްކޮޑުން ފުރުސަތު ލިބޭނީ ތަމްރީންތަކުގައި އެންމެ ނަތީޖާ ރަނގަޅު ފަސް އެތުލީޓުންނަށެވެ. އެކަމަކު އެތުލެޓިކްސް އެސޯސިއޭޝަނުގެ ރައީސް މުހައްމަދު ތޮލާލް ވިދާޅުވީ އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ކޮލިފައިން ޓައިމިން އަށް ވާސިލްވެވޭ ހުރިހާ އެތުލީޓުންނަށް މުބާރާތުން ފުރުސަތު ހޯދައިދޭނެ ކަމަށާއި އޭޝިއަން އެތުލެޓިކްސް ފެޑެރޭޝަނާ މަޝްވަރާކޮށްގެން ރާއްޖޭގެ ޖާގަ އިތުރުކުރާނެ ކަމަށެވެ.

ތަޖުރިބާކާރު ކޯޗު އަހުމަދު ފާއިލްގެ ބެލުމުގެ ދަށުން ތަމްރީން ހަދަން ދިޔަ ޓީމުގައި ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދާއި އޭނާއާ އެކު 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ސްޕްރިންޓް ރިލޭ އިން ލޯ މެޑަލް ހޯދި ޓީމުގެ ދުވުންތެރިޔާ އަޒްނީމް އަހުމަދު (އައްޒަ) ހިމެނެ އެވެ. މީގެ އިތުރުން ދާދި ފަހުން އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 200 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ދުވި ސަރީސް އަހުމަދާއި ރާއްޖޭގެ އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލް އަދި އަދި އެންމެ ފަހުގެ އޭޝިއަން އެތުލެޓިކްސްގެ ޗެމްޕިއަންޝިޕުގެ 800 މީޓަރު ދުވުމާއި 1500 މީޓަރު ދުވުމުގައި ވާދަކޮށްފައިވާ އަހުމަދު ހަސަން ހިމެނެ އެވެ. އަދި ފަސް ކިލޯ މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ހަދާފައިވާ ހުސެއިން ފަޒީލް ހާރޫނާއި 10 ކިލޯ މީޓަރުގެ ދުވުމުގެ ރެކޯޑް ހަދާފައިވާ ޒައިދު ޝަރީފް ވެސް ވަނީ ތަމްރީންތަކުގައި ބައިވެރިވެފަ އެވެ.