ޑަބްލިޔުޑަބްލިޔުއީގެ ތަރި ޖޯން ސީނާ، އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވުމުން އޭނާއަށް ހާއްސަ ޓްރިބިއުޓެއް ދީފި އެވެ. 

އުމުރުން 92 އަހަރުގައި އާޝާ މަރުވީ މިދިޔަ އާދީއްތަ ދުވަހު މުމްބާއީގަ އެވެ.

އާޝާގެ ވަކިވުމުގެ ހިތާމައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަންނާނުންނާއި ސަޕޯޓަރުން ޝުއޫރުތައް ފާޅުކުރަމުން އަންނައިރު، ޖޯން ސީނާ ވަނީ އޭނާގެ އިންސްޓަގްރާމްގައި އާޝާގެ ފޮޓޯއެއް ޕޯސްޓުކޮށްފަ އެވެ.

ޖޯން ސީނާގެ އެ ޕޯސްޓުގައި ކެޕްޝަނެއް ލިޔެފައެއް ނުވެ އެވެ.

ނަމަވެސް، އޭނާ މި ފޮޓޯ ޕޯސްޓްކުރުމުން އިންޑިއާގެ ގިނަ ބަޔަކަށް ވަނީ ބޮޑު ހައިރާން ކަމެއް ލިބިފަ އެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން އަންނަ ގޮތުގައި، މިއީ އެއްގޮތަކަށް ވެސް އުންމީދު ކުރި ކަމެއް ނޫނެވެ. ޖޯން ސީނާ އިންޑިއާގެ ސަގާފަތަށާއި ފަންނާނުންނަށް ބަހައްޓާ ގާތްކަމަށް އޭނާއަށް ވަރަށް ލޯތްބާއި އިހުތިރާމް ހައްގުވާ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

އާޝާގެ ޖަނާޒާ އިއްޔެ ބާއްވާފައި ވަނީ އިންޑިއާގެ ދައުލަތުގެ އެންމެ މަތީ އިއްޒަތުގަ އެވެ. އެ ޖަނާޒާއަށް އިންޑިއާގެ މަޝްހޫރު ތަރިން ކަމަށްވާ ޝާހްރުކް ހާން، އާމިރު ހާން، ރަންވީރު ސިންގް އަދި ސަޗިން ޓެންޑުލްކަރު ވެސް ދިޔަ އެވެ. 

އާޝާ އޭނާގެ 80 އަހަރުގެ ދިގު ކެރިއަރުގައި ވަނީ 12،000 އަށް ވުރެ ގިނަ ލަވަ ރެކޯޑް ކޮށްފަ އެވެ. ދުނިޔޭގެ މިއުޒިކީ ތާރީހުގައި އެންމެ ގިނަ ލަވަ ރެކޯޑް ކުރި ފަންނާނުގެ ދުނިޔޭގެ ރެކޯޑް ވެސް 2011 ވަނަ އަހަރު އޭނާ ގާއިމްކުރި އެވެ. އޭނާ ވަނީ ހިންދީ، މަރާޓީ، ބެންގާލީ، ތަމަޅަ އަދި އިނގިރޭސި ފަދަ 20 އަށް ވުރެ ގިނަ ބަސްތަކުން ލަވަތައް ރެކޯޑުކޮށްފަ އެވެ.