އާކްރާ، ގާނާ (މެއި 23) - އޭނާ އަތުން ކުރިއަށް އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ގާނާގެ ކެޕްޓަން ބޭންޑް ނަގާތީ މިދިޔަ ހޯމަ ދުވަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ތަޖުރިބާކާރު ފޯވާޑް އަސަމޮއާ ޖިޔާން އެ ނިންމުން ބަދަލުކޮށް އަލުން ޓީމަށް ކުޅެން ނިންމައިފި އެވެ.
މިސްރުގައި އަންނަ މަހު ބާއްވާ މުބާރާތުގެ ކުރިން ކުޅުން ހުއްޓާލަން ޖިޔާން ނިންމީ އެ ޓީމުގެ ކޯޗު ކްވޭސީ އަޕިއާއާ ޖެހުނު މައްސަލައަކާ ގުޅިގެންނެވެ. ޖިޔާން ވަނީ އަޕިއާގެ ވިސްނުން ހުރީ އޭނާ އަތުން ކެޕްޓަން ބޭންޑް ނެގުމަށް ފަހު ކުޅުމުގެ ފުރުސަތު ވެސް ނުދޭން ނިންމުމަށް ކަމަށް ބުނެފަ އެވެ.
ޓީމުގައި ހުރި އެންމެ ތަޖުރިބާކާރު އެއް ކުޅުންތެރިޔާ، މުބާރާތަކަށް ތައްޔާރުވަމުންދަނިކޮށް ރިޓަޔާކުރުމާ ގުޅިގެން ގާނާ އެފްއޭގެ ރައީސް ނާނާ އަކޫފޯ-އައްޑޯ ވަނީ އެ މައްސަލަ ތެރެއަށް ވަދެ ޖިޔާންގެ ނިންމުން ބަދަލު ކުރުމަށް އަންގައިފަ އެވެ. ޖިޔާން ވަނީ އަކޫފޯގެ އެދުމާ އެއްގޮތަށް ނިންމުން ބަދަލުކޮށް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ކުޅެން ނިންމައިފަ އެވެ.
"ރައީސްގެ ނިންމުމަށް ދެކޮޅު ހެދުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެހެންވެ އަހަރެން މިހާރު ވާނީ ކޯޗު އަޕިއާ އަށް އަހަރެން ޓީމަށް ކުޅެން ތައްޔާރަށް ހުރި ކަަމަށް އަންގާފައި. ގާނާ އަށް އެފްރިކަން ކަޕް ކާމިޔާބު ކޮށްދޭން އަހަރެން ކުރަމުން އަންނަ މަސައްކަތަށް ގިނަ ދުވަސްތަކެއް ވެއްޖެ، އަހަރެން ބޭނުން 30 އަހަރަށް ފަހު ގާނާ އަށް ރަން ތަށި ގެންގޮސްދޭ ޓީމުގައި މުހިއްމު ދައުރެއް އަދާކުރަން،" އުމުރުން 33 އަހަރުގެ ޖިޔާން ބުންޏެވެ.
އަލުން ގައުމީ ޓީމަށް ޖިޔާން އައި ނަމަވެސް ކެޕްޓަން ބޭންޑް ދޭނެ ކަމަށް ނުބެލެވެ އެވެ.
ގާނާގެ ލިބަޓީ ޕްރޮފެޝަނަލްސް އިން ފުޓްބޯޅަ ކެރިއަރު ފެށި ޖިޔާން ވަނީ އިޓަލީގެ އުދިނޭޒީ އާއި އިންގްލެންޑްގެ ސަންޑަލެންޑާއި ފްރާންސްގެ ރެނެސް އާއި ޔޫއޭއީގެ އަލް އައިން އާއި އަލް އަހްލީ އަށް ކުޅެފަ އެވެ. އަދި މިހާރުގެ ކްލަބް ތުރުކީގެ ކޭސެރިސްޕޯ އަށް 2017 ވަނަ އަހަރު ބަދަލުވިއިރު، މީގެ ކުރިން ޗައިނާ ލީގުގެ ޝަންހާއީ އެސްއައިޕީޖީ އަށް ވެސް ކުޅުނެވެ. ބީބީސީން 2010 ވަނަ އަހަރު ހޮވި އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ހޮވުނު ޖިޔާން ވަނީ ގާނާ އަށް 100 އަށް ވުރެން ގިނަ މެޗު ކުޅެދީފަ އެވެ.
އަންނަ މަހު 21 ވަަނަ ދުވަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންގައި ގާނާ އޮތީ ކެމަރޫން އާއި ބެނިން އަދި ގިނީ ބަސޫއާ އެކު ގްރޫޕް އެފްގަ އެވެ.