އާކްރާ، ގާނާ (މެއި 21) - އަންނަ މަހު ބާއްވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ގާނާ ޓީމުގެ ކެޕްޓަން ބޭންޑް އަސަމޮއޯ ޖިޔާން އަތުން ނަގަން އެ ޓީމުގެ ކޯޗު ކްވޭސީ އަޕިއާ ނިންމާފައިވާތީ އެކަމާ ހިތްހަމަނުޖެހި ޖިޔާން ރިޓަޔާކޮށްފި އެވެ.
އަންނަ މަހު މިސްރުގައި ބާއްވާ މުބާރާތުގައި ވާދަކުރާ ގާނާ ޓީމު ތެރޭގައި މައްސަލަ އުފެދިފައިވަނީ ޓީމުގެ ބައެއް ސީނިއާ ކުޅުންތެރިންނާއި ކޯޗު އަޕިއާއާ މެދު ގުޅުން ގޯސްވުމުންނެވެ. އަޕިއާ ނިންމާފައިވަނީ ޖިޔާން ޓީމުގެ ސްކޮޑުގައި ހިމެނުނު ނަމަވެސް އޭނާ އަތުން ކެޕްޓަން ބޭންޑް ނަގައި ކުޅުމުގެ ފުރުސަތު ވެސް ނުދޭން ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރެ އެވެ.
ޖިޔާން ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ މައްސަލަ އިތުރަށް ގޯސްވިޔަނުދިނުމަށް ކަމަށެވެ.
"އަހަރެންގެ އާއިލާ އާއި ޓީމާ މަޝްވަރާކުރުމަށް ފަހު އަހަރެން ނިންމީ ކޯޗު (އަޕިއާ) އަހަރެން ޓީމުގައި ހުއްޓައި އެހެން ކުޅުންތެރިއަކަށް ކެޕްޓަންކަން ދޭން ނިންމާފައިވާތީ އަހަރެން ޓީމުން ވަކިވާން. މިއީ މި ވަގުތަށް ބަލާއިރު އަހަންނަށް ފަސޭހަ ނިންމުމެއް ނޫން ވިޔަސް ނިންމަން ޖެހޭ ނިންމުމެއް،" އުމުރުން 33 އަހަރުގެ ޖިޔާން ބުންޏެވެ.
ގާނާ އަށް 100 އަށް ވުރެން ގިނަ މެޗުކުޅެދީފައިވާ ޖިޔާން ބުނީ އޭނާގެ ނިންމުން ދެން ބަދަލެއް ނުވާނެ ކަމަށާއި މިހާރު ބޭނުންވަނީ ކެރިއަރުގެ ބާކީ ބައިގައި ކްލަބްތަކުގައި ހޭދަކުރުމަށް ކަމަށެވެ.
ގާނާގެ ލިބަޓީ ޕްރޮފެޝަނަލްސް އިން ފުޓްބޯޅަ ކެރިއަރު ފެށި ޖިޔާން ވަނީ އިޓަލީގެ އުދިނޭޒީ އާއި އިންގްލެންޑްގެ ސަންޑަލެންޑާއި ފްރާންސްގެ ރެނެސް އާއި ޔޫއޭއީގެ އަލް އައިން އާއި އަލް އަހްލީ އަށް ކުޅެފަ އެވެ. އަދި މިހާރުގެ ކްލަބް ތުރުކީގެ ކޭސެރިސްޕޯ އަށް 2017 ވަނަ އަހަރު ބަދަލުވިއިރު، މީގެ ކުރިން ޗައިނާ ލީގުގެ ޝަންހާއީ އެސްއައިޕީޖީ އަށް ވެސް ކުޅުނެވެ.
ބީބީސީން 2010 ވަނަ އަހަރު ހޮވި އެފްރިކާގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ އަށް ހޮވުނު ޖިޔާން ވަނީ ބައިނަލްއަގްވާމީ ބޮޑެތި މުބާރާތްތަކުގައި ގާނާ އަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އޭނާގެ ކުޅުން އެންމެ ބޮޑަށް ފާހަގަވި އެއް މުބާރާތަކީ ދެކުނު އެފްރިކާގައި 2010 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގަ އެވެ.
އަންނަ މަހު 21 ވަަނަ ދުވަހު ފަށާ އެފްރިކަން ކަޕް އޮފް ނޭޝަންގައި ގާނާ އޮތީ ކެމަރޫން އާއި ބެނިން އަދި ގިނީ ބަސޫއާ އެކު ގްރޫޕް އެފްގަ އެވެ.