ބީއެމްއެލް އިން އާޓިފިޝިލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ ޗެޓް ބޮޓް، "ޗެޓްޖީޕީޓީ" އަށް ފައިސާ ދެއްކުން ބްލޮކް ކޮށްފި އެވެ.

އެ ބޭންކުން މިއަދު ބުނީ، ޗެޓްޖީޕީޓީ އިން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކްވުން ފެންމަތިވެފައިވާ ކަމަށާއި އެ ވެބްސައިޓަށް ބީއެމްއެލް މެދުވެރިކޮށް ޓްރާންސެކްޝަން ހިންގުން ވަގުތީ ގޮތުން ބްލޮކް ކޮށްފައިވާ ކަމަށެވެ.

ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުވުމުގެ ސަބަބުން، ގިނަ ކަސްޓަމަރުންނަށް އޭގެ ގެއްލުން ކުރިމަތިވާ ކަމަށާއި ބީއެމްއެލް އިން އެންމެ ބޮޑު އިސްކަމެއްދެނީ ކަސްޓަމަރުންގެ މައުލޫމާތުގެ ރައްކާތެރިކަން ހިފެހެއްޓުމަށް ކަމަށް ބުންޏެވެ.

ޗެޓްޖީޕީޓީ އަށް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދުނިޔޭގެ ބޮޑު މަގްބޫލު ކަމެއް ލިބިފައިވެ އެވެ. މި ޗެޓްބޮޓް ރާއްޖޭގައި ވެސް ގިނަ ބަޔަކު ބޭނުން ކުރެ އެވެ. ޗެޓްޖީޕީޓީ އިން ފޮނުވާ މެސެޖް ވަގުތުން ރައްދު ދީގެން، އާޓިކަލް، އެސޭ، ޖޯކު، ޅެން އަދި ވަޒީފާގެ އެޕްލިކޭޝަންތައް ފަދަ ތަކެތި އޭއައި ބޭނުންކޮށްގެން ލިޔެދެ އެވެ.

މިދިޔަ ހޯމަ ދުވަހު، ބީއެމްއެލް އިން ބޭއްވި އަހަރީ އާންމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ އައިއޭ ހިމެނޭ ބައެއް ވެބްސައިޓުތަކުން، ކަސްޓަމަރުންގެ ކާޑުތަކުގެ މައުލޫމާތު ލީކުވުމުގެ މައްސަލަތައް ފެންމަތިވަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ބެލުމަށް ފަހު، އެ ވެބްސަައިޓުތަކުން ބީއެމްއެލްގެ ކާޑުތަކަށް ބޭނުން ނުކުރެވޭ ގޮތް ހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެފަދަ ފިޔަވަޅުތައް އަޅަނީ، ކަސްޓަމަރުންގެ މާލީ މައުލޫމާތުތައް ރައްކާތެރިކުރުމުގެ ބޭނުމުގައި ކަމަށް ވިދާޅުވި އެވެ.

ބީއެމްއެލްގެ ޗެޓްޖީޕީޓީ އަށް ޕޭމެންޓްތައް ހެދުން ބްލޮކް ކުރިއިރު، ދާދި ފަހުން ވެސް އޮޅުވާލައިގެން އެ ބޭންކުގެ އެކައުންޓްތަކުން ފައިސާ ނެގުމުގެ މައްސަލަވަނީ ފެންމަތިވެފަ އެވެ. އެފަދަ ސްކޭމުތައް ހުއްޓުވުމަށް ބީއެމްއެލް އިން އަންނަނީ އޮންލައިން ހިދުމަތްތަކުގެ ސެކިއުރިޓީ ވަރުގަދަ ކުރަމުންނެވެ.