މައްކާ (އޮގަސްޓް 22) - މި އަހަރުގެ އަރަފާތު ދުވަހު އަރަފާތު ބިމުގައި ވިހޭ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ސައުދީ އަރަބިއާގެ ހެލްތު މިނިސްޓްރީން ބުނެފި އެވެ.
މިއީ އަރަފާތު ބިމުގައި ގާއިމްކޮށްފައިވާ ހޮސްޕިޓަލްގައި މި އަހަރު ވިހޭ ފުރަތަމަ ކުއްޖާ އެވެ. ސައުދީ ހެލްތު މިނިސްޓްރީން ވަނީ އެ ކުއްޖާގެ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ. އެ ފޮޓޯ ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ. ބައެއް މީހުން ބުނެފައި ވަނީ އެއީ މާތް ބިމެއްގައި މާތް ދުވަހެއްގައި ވިހޭ ނަސީބު ރަނގަޅު ކުއްޖެއް ކަމަށެވެ.
އަރަފާތު ބިމުގައި ވިހޭ ކުއްޖާ ނިސްބަތްވާ ގައުމެއް ސައުދީ ހެލްތު މިނިސްޓްރީން ހާމަކޮށްފައެއް ނުވެ އެވެ.
އަނެއްކޮޅުން ޓިއުނީޝިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ 80 އަހަރުގެ މުހައްމަދު އިދްރީސް އަރަފާތު ބިމުގައި މަރުވެފައިވާ ކަމަށް އޭނާގެ ފިރިހެން ދަރިއަކު ވަނީ ބުނެފަ އެވެ. އިދްރީސް އަކީ އަރަބި ދުނިޔޭގެ ވަރަށް ގިނަ އެވޯޑްތައް ހޯދާފައިވާ މީހެކެވެ.