ހައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިކުރާ މީހުންގެ އަދަދު ކޮވިޑް-19 ގެ ސަބަބުން މަދުކުރުމަށް ފަހު ކުރިއެކޭ އެއްގޮތަށް އެތައް މިލިއަން މީހުންނާ އެކު މި އަހަރުގެ ހައްޖުގެ އަޅުކަމުގެ ދަތުރަށް ހައްޖާޖީން ދަތުރު ފަށައިފި އެވެ.
ހައްޖާޖީން މިއަދު ވަނީ މިނާ އަށް ދިއުމުގެ ކުރިން ފުރިހަމަކުރާ ތަވާފުލް ޤުދޫމް އަށް ހަރަމްފުޅަށް ދާން ފަށައިފަ އެވެ. މިއީ ހައްޖަށް އިހުރާމް ބަނުމަށް ފަހު ހައްޖާޖީން ކުރާ ފުރަތަމަ ތަވާފެވެ.
މި ތަވާފަށް ފަހު މިރޭ މިރޭ މިނާ އަށް ދިއުމަށް ދަތުރު ފަށާނެ އެވެ. މިއީ މައްކާއާ ގާތްގަނޑަކަށް ފަސް ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެކެވެ. އެތަނުގައި އޮންނާނީ ހައްޖާޖީން ތިބުމަށް ހާއްސަ ޓެންޓުތައް ޖަހައިފަ އެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ތާކު ނޯންނަ ފަދަ ބޮޑު ސަރަހައްދެއްގައި ހަދާފައިވާ "ފޭލިގޭގެ ސިޓީ" އެކެވެ.
ހައްޖުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ އަރަފާތަށް ދިއުމުގެ ކުރިން މިނާގައި ރޭކުރުމަށް ފަހު ދަތުރު ފަށާނީ އަރާފަތަށެވެ. ހައްޖުގެ އެންމެ މުހިންމު ރުކުން އަދާކޮށް ދެން މުއްދަލިފާގައި އެއް ރޭ ހޭދަކޮށް އީދު ދުވަހު މިނާގައި ޖަމްރާއަށް ހިލަ އުކާނެ އެވެ. އޭގެ ފަހުން އުޟްހިޔާ ކަތިލުމާއި ފިރިހެނުން ބޮލުގެ އިސްތަށިގަނޑު ތުނިކުރުން ނުވަތަ ބޭލުމާއި އިހްރާމް ކެނޑުން ފަދަ ކަންކަން ފުރިހަމަކުރާނެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަން ވާނީ ކޮވިޑް-19 ގެ އަށް ފަހު، 2019 ގެ ކުރިން އޮތް ހާލަތުގައި ހައްޖުގެ އަޅުކަމުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާ ފަހަރަކަށެވެ. އަންދާޒާކުރެވޭ ގޮތުން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރި އެވެ. އެކަމަކު ކޮވިޑާ ހެދި މި އަދަދު ޖެހިގެން އައި އަހަރު 10،000 އަށް ދަށްކޮށްލި އެވެ. ދެން އައި 2021 ވަނަ އަހަރު 59،000 މީހުން ހައްޖުވި އެވެ.
ސައޫދީގެ ތަފާސް ހިސާބު ބަލަހައްޓާ އޮފީހުން ބުނެފައިވާ ގޮތުގައި 899،353 މީހަކު 2022 ވަނަ އަހަރު ހައްޖުވި އެވެ. މީގެ ތެރޭގައި ސައޫދީން ބޭރު، އެހެން ގައުމުތަކުގެ 779،919 މީހުން ހިމެނެ އެވެ.
އެކަމަކު ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ މި އަހަރު ދެ މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށާއި މީގެ ތެރޭގައި ސައޫދީގެ 200،000 މީހުން ވެސް ހިމެނޭ ކަމަށެވެ.