އަރަބިއްޔާ ސްކޫލުން އޭލެވެލްގައި "އަރަބިކް އޭޒް ފަސްޓް ލެންގުއޭޖް" ހަދާ ދަރިވަރުންގެ މައުލޫމާތު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ) އަށް ނުފޮނުވާތީ، އެ މާއްދާގެ ޓެސްޓް އެ ސްކޫލު ކުދިންނަށް ގެއްލިއްޖެ އެވެ.
ރާއްޖޭގައި އަރަބި ލޭންގުއޭޖް ކިޔަވައިދޭ ހުރިހާ ސްކޫލެއްގައި އެ ޓެސްޓު ހަދާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެ ޓެސްޓް ހަދަން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވެސް ސްކޫލަށް ދިޔަ އެވެ.
"މިހާރު" އަށް ބައެއް ބެލެނިވެރިން ބުނީ ސްކޫލަށް ދިޔަ ފަހުން، އެ ޓެސްޓްގެ ޕޭޕަރު ލިބިފައި ނުވާ ކަމަށް ސްކޫލުން ބުނެފައިވާ ކަމަށެވެ. އަދި އޮކްޓޫބަރުގައި އެ ޓެސްޓް ލިބޭނެ ކަމަށް ވެސް އަންގާފައިވާ ކަމަށް ބައެއް ބެލެނިވެރިން ބުންޏެވެ.
އެކަމަކު، މި މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީން ވެސް، އަދި އަރަބިއްޔާ ސްކޫލުން ވެސް ވާހަކަ ދައްކާކަށް ބޭނުމެއް ނުވި އެވެ.
ބެލެނިވެރިން ބުނީ "އަރަބިކް އޭޒް ފަސްޓް ލެންގުއޭޖް" އަކީ އެންމެ ފަހުން ވެސް އަރަބިއްޔާގެ ދަރިވަރުން މުޅި ދުނިޔެ އިން ވެސް ދެ ވަނަ ހޯދައިފައިވާ މާއްދާއެއް ކަމަށާއި އެހެންވެ، މި އަހަރު ދެ ކުލާހަކުން 24 ވަރަކަށް ކުދިން އިމްތިހާނުގައި ބައިވެރިވެފައިވާ ކަމަށެވެ. ދަރިވަރުންނަށް ޕޭޕަރު ނުލިބުމުން، އެކަން ހިނގި ގޮތް ބަލަން ވެގެން ބެލެނިވެރިން ސްކޫލުގެ އޮފިޝަލުންނާ ވާހަކަ ދެއްކުމުން އެނގުނީ އިމްތިހާނު ހަދާ ކުދިންގެ މައުލޫމާތު ޑީޕީ އަށް ފޮނުވާފައި ނުވާކަން، ކަމަށް ބެލެނިވެރިން ބުންޏެވެ.
"ދެކޮޅުން ބުނަނީ ދެގޮތަށް. ސްކޫލުން ބުނަނީ ޕޭޕަރުތައް ނުފޮނުވީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ޑީޕީއީ)ގެ މައްސަލައަކުންނޭ. އެކަމަކު ޑީޕީއީން ސްކޫލާ ވާހަކަ ދެއްކުމުން ބުނަނީ އެ ކުދިން ޓެސްޓުގައި ބައިވެރިވާ ކަމަށް ސްކޫލުން ފޮނުވާފައި ނެތް ކަމަށް،" އެ ބެލެނިވެރިޔާ ބުންޏެވެ.
އެއް ބެލެނިވެރިޔަކު ބުނީ އެއީ ސްކޫލުގެ އިހުމާލުންވީ ކަމެއް ކަމަށް އެއްބަސްވެފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެނގިފައި އޮތީ ޕޭޕަރުތައް އަޅާފައި އޮތް ފައިލް ސްކޫލަށް އޮޅުނީ ކަމަށް،" އެ ބެލެނިވެރިޔާ ބުންޏެވެ.
ސްކޫލު ޕީޓީއޭގެ ފަރާތުން ވާހަކަ ދެއްކި ބެލެނިވެރިޔަކު ބުނީ އެ ޓެސްޓު ހަދާ ކޮންމެ ކުއްޖެއްގެ ބެލެނިވެރިން ވަކިން ގެންގޮސް ސްކޫލުން ވާހަކަ ދެއްކި ކަމަށެވެ. އެ ޓެސްޓް ދެން ހެދޭނީ ދެން އަންނަ ޓާމެއްގައި ކަމަށް ވެސް އަންގާފައިވާ ކަމަށް އޭނާ ބުންޏެވެ. އެއީ އަންނަ އޮކްޓޫބަރު މަހެވެ.
"އަޅުގަނޑުމެން ގެންގޮސް ކޮންމެ ބެލެނިވެރިއެއްގެ ކައިރީ ބުނީ އެ ކުދިންނަށް ދެން އެ ޕޭޕަރު ހެދޭނީ އަންނަ އޮކްޓޫބަރުގައި ކަމަށް. ވަރަށް ދެރަ ކަމެއް މިއީ. ހުރިހާ ޓެސްޓެއް ނިންމައި، ކިޔަވާ ވެސް ނިންމައިފަ އަނެއްކާ ހަ މަސް ފަހުން އިތުރު ޓެސްޓެއް ވަކިން ހަދަން ޖެހުނީމަ،" އެ ބެލެނިވެރިޔާ ބުންޏެވެ.
"ސްކޫލުން ބެލެނިވެރިންނާ ވާހަކަ ދެއްކި މުވައްޒަފަކު ވިދާޅުވީ އެއީ ދަރިވަރުން ވެސް އެހާ ހަދަން ބޭނުންވާ ޕޭޕަރެއް ނޫން ކަމަށް. މިދިޔަ 14 އަހަރު ވެސް މި ސްކޫލުގައި ހެދި ޓެސްޓެއް އެއީ. ސްކޫލުން މިހާރު މި ބުނަނީ އެ ޓެސްޓު ހަދަން ބޭނުން ކުދިން އަންނާށޭ އޮކްޓޫބަރުގައި އަލުން ޓެސްޓު ހަދަން،" އެ ބެލެނިވެރިޔާ ބުންޏެވެ.