ރިޔާޒް (އެޕްރީލް 14) - އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަން ހޯދަން އިޒްރޭލް ކުރާ މަސައްކަތް ހުއްޓުވުމަށް އަރަބި ގައުމުތަކުން ފަށާފައިވާ ކެމްޕޭނަށް ތާއީދު ލިބެމުން އަންނަ ކަމަށް ފަލަސްތީނުގެ ޚާރިޖީ ވަޒީރު ރިޔާޒް އަލް މާލިކީ ވިދާޅުވެއްޖެ އެވެ.
"ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް އިޒްރޭލް އައުން ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން،" މާދަމާ ފަށާ އަރަބި ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސައުދީ އަރަބިއާ އަށް ވަޑައިގެން ވެރިރަށް ރިޔާޒްގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މާލިކީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިޒްރޭލުގެ ކެމްޕޭން ހުއްޓުވުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް ޔޫރަޕުގެ ގައުމުތަކުގެ ތާއީދު ވެސް ލިބެމުން އަންނަ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ދެ ގޮނޑި އަށް އިޒްރޭލުގެ އިތުރުން ދެން ވާދަކުރަނީ ޖަރުމަނާއި ބެލްޖިއަމެވެ. މެންބަރުން ހޮވަން އދ.ގެ ޖެނެރަލް އެސެމްބްލީގެ 193 ގައުމުގެ ވޯޓުލުން އޮންނާނީ ޖޫން މަހު އެވެ.
"ބައިނަލްއަގުވާމީ ގާނޫނުތަކާއި މުއާހަދާތަކާއި ސަލާމަތީ މަޖިލީހުގެ ގަރާރުތަކަށް ބޯނުލަނބާ ގައުމަކުން ދުނިޔޭގެ ސުލްހަ އާއި ރައްކާތެރިކަން ގާއިމް ކުރާ މަޖިލީހެއްގައި ނީނދެވޭނެ،" މާލިކީ ވިދާޅުވި އެވެ. "އިޒްރޭލް ހުއްޓުވަން މަސައްކަތް ކުރަން ޖެހޭނެ."