އެޕަލް އިން އެންމެ ފަހުން ތައާރަފުކުރި އެޕަލް ވޮޗް ސީރީޒް 9 މޫލީ އިން ވިއްކަން ފަށައިފި އެވެ.
އުރީދޫން މިއަދު ބުނިގޮތުގައި، މޫލީ އިން އެ ގަޑީގެ ދެ ސައިޒެއް ލިބެން ހުންނާނެ އެވެ. މޫލީ އިން 41 މިލިމީޓަރުގެ އެޕަލް ޕޮޗް ސީރީޒް 9ގެ ގަޑި ވިއްކަނީ 8،750ރ. އަށެވެ. އަދި 45 މިލިމީޓަރުގެ ގަޑީގެ އަގަކީ 9،250ރ. އެވެ.
އެޕަލް ވޮޗް ސީރީޒް 9 ގައި ޒަމާނީ ޓެކްނޮލޮޖީއާ އެކު، ތަފާތު ފީޗާތަކެއް ހިމެނެ އެވެ. އެ ސީރީޒަކީ މިހާތަނަށް އެޕަލް އިން ނެރުނު ސްމާޓް ގަޑިތަކުގެ ތެރެއިން އެންމެ ވަރުގަދަ ޗިޕް ހިމެނޭ ގަޑިއެވެ. އެ ގަޑީގައި ހިމެނޭ ޑަބަލް ޓެޕް ފީޗާއާ އެކު، ސްކްރީނުގައި އަތްނުލައި އެޕަލް ވޮޗް ބޭނުންކުރެވެ އެވެ.
ކުރީގެ އެޕަލް ވޮޗްތަކާ އަޅާބަލާއިރު، ދެ ގުނަ އަލިގަދަ ޑިސްޕްލޭ އާއި ސިއްހަތާއި އެކްސަސައިޒް ކުރުމަށް ބޭނުންކުރެވޭ ފީޗާތަކަށް ގެނެސްފައިވާ ބަދަލުތައް ވެސް ފާހަގަކޮށްލެވެ އެވެ.