އިރުމަތީ ގުދުސްގެ ސިލްވާން އަވަށުގެ ބަޔަކު ގަދަކަމުން ގެދޮރުން ބޭރުކޮށް، ޔަހޫދީ ވަޒަންވެރިންނަށް އެ ގެތައް ދިން މައްސަލައިގެ އިސްތިއުނާފް ހުކުމް އިއްވުން އިޒްރޭލުގެ ކޯޓުން ފަހުގެ ތާރީހަކަށް ފަސްކޮށްފި އެވެ.
އިޒްރޭލުގެ ކޯޓަކުން 2020 ވަނަ އަހަރު ނެރުނު އަމުރަކާ ގުޅިގެން، އިޒްރޭލު ސިފައިން ގަދަކަމުން ވަދެގަނެ، ސިލްވާން އަވަށުގެ ހަތް އާއިލާއެއް އެ މީހުންގެ ގެދޮރުން ބޭރުކޮށްލި އެވެ. އޭގެ ބަދަލުގައި އެ ގެތަކަށް، ޔަހޫދީން ވަޒަންވެރިން ވަނީ ވައްދައިފަ އެވެ.
އިޒްރޭލުގެ ދަށު ކޯޓަކުން ކޮށްފައިވާ އެ އަމުރު، މަތީ ކޯޓުގައި އިސްތިއުނާފު ކުރީ، ގެދޮރުން ބޭރުކޮށްލެވުނު ފަލަސްތީނުގެ އާއިލާތަކުންނެވެ. އިރުމަތީ ގުދުސްގެ މެޖިސްޓްރޭޓް ކޯޓުގައި އެ މައްސަލައިގެ އިސްތިއުނާފް ހުކުމް އިއްވަން ކުރިން ހަމަޖައްސާފައި އޮތީ އިއްޔެ އެވެ.
އިޒްރޭލު ސަރުކާރު އަޑީގައި އޮވެގެން، ޔަހޫދީ ކޯޓުތަކުން މިއަމުރުތައް ނެރެމުން އަންނަނީ، އިރުމަތީ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް، އިޒްރޭލުން އަމިއްލަ އަށް ނިންމައި އިރުމަތީ ގުދުސަށް ވެރިވެގަތުމަށް ކުރަމުންދާ މަސައްކަތަށް ބާރު ދިނުމުގެ ގޮތުންނެވެ.