ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެމްބަރު އައިޝަތު ވެލެޒިނީ ހައްޔަރުކުރުމާ ގުޅިގެން ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރާ މީހުންގެ ތެރޭގައި ސިއްހީ އަދި ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ހިމެނިވަޑައިގެންފި އެވެ.
ރާއްޖެ އިން ބޭރުގައި ހުންނަވައިގެން ސޯޝަލް މީޑިއާގައި އިސްލާމްދީނާ ޚިލާފް ވާހަކަތައް ދެއްކުމާ ގުޅިގެން މުރުތައްދުވެފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވާ ވެލެޒިނީ ރާއްޖެ ވަޑައިގަތުމާ އެކު ކޯޓު އަމުރެއްގެ ދަށުން ރޭ ހައްޔަރުކުރުމާ މެދު ޚިޔާލުތަފާތުވުން އުފެދުނީ އޭނާއަކީ ނަފްސާނީ ބަލިމީހެއް ކަމަށް ބެލެވޭތީ އެވެ. ސޯޝަލް މީޑިއާގައި އެކަން ބޮޑު ބަހުސަކަށްވެ، ގިނަ ބަޔަކު ގެންދަނީ ވެލެޒިނީ މިނިވަންކޮށް އޭނާ އަށް ފަރުވާދޭން ގޮވާލަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުން ވެސް ހިމެނެ އެވެ.
އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ސައިކިއެޓްރިސްޓް ޑރ. އާރިފް މުހައްމަދު ވިދާޅުވީ "އަޅުގަނޑުމެން ގޮވާލަންވީ" ވެލެޒިނީގެ ބުއްދި ސަލާމަތުން ހުރިތޯ ބެލުމަށް "ނަފްސާނީ އެސެސްމެންޓެއް ހަދައި ލިބެން ހުރި އެންމެ ރަނގަޅު ނަފްސާނީ ފަރުވާ ދިނުމަށާއި" އެފަދަ އެސެސްމެންޓެއް ހެދެން ދެން ވެލެޒިނީގެ "މުރުތައްދު ހައިސިއްޔަތު" ބާތިލްކުރުމަށެވެ.
"ބުއްދި ހެޔޮ ހާލުގައި ނެތް މީހުންނަކީ މުރުތައްދު ވެފައިވާ ބައެއް ކަމަކަށް ކަނޑައެއް ނޭޅޭނެ،" ނަފްސާނީ ބަލިތަކާ ބެހޭ ގޮތުން ވާހަކަދެއްކުމަށް އާއްމުކޮށް ހުޅުވާލާފައިވާ ވައިބަ ގްރޫޕް "ލެޓްސްޓޯކް"ގައި ޑރ. އާރިފް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވީ "އެ މީހުން އެ ބަލާ ގޮތަށް ބަލާ އިރު 'މުރުތައްދުވި' ކިތަންމެ ބަޔަކު އަޅުގަނޑުމެންގެ ވޯޑުގައި ފަރުވާ ލިބިގެން [ދީނަށް] ރުޖޫއަވެފައި" އެބަ ތިބި ކަމަށެވެ.
"އެއްވެސް މީހަކު މުރުތައްދު ވެއްޖެ ކަމަށް ކަނޑައެޅުމުގެ ކުރިން އެމީހަކު ހުރީ ހަމަ ބުއްދީގައިތޯ ބެލެވެން ޖެހޭނެ އެވެ." ޑރ. އާރިފް ފޭސްބުކްގައި ލިޔުއްވާފައިވެ އެވެ.
ޓްވިޓާގައި ޚިޔާލުފާޅުކުރެއްވި ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ވެސް ވަނީ ވެލެޒިނީގެ ދިފާއުގައި ވާހަކަދައްކަވައިފަ އެވެ.
ވެލެޒިނީ ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓްވީޓްތަކެއްގައި މުއިއްޒު ވިދާޅުވިގޮތުގައި އިސްލާމީ ޝަރީއާގައި، އާއްމު އުސޫލެއްގެ ގޮތުން، މުރުތައްދުވުމަކީ ބޮޑު ފާފައެއްގެ ގޮތުގައި އޮވެ، މުރުތައްދުވާ މީހާގެ ތައުބާ ބަލައިގަނެވޭ އިރު ތައުބާ ނުވެއްޖެ ނަމަ އަދަބަކީ މެރުމެވެ. އެކަމަކު ހުރިހާ ބާވަތެއްގެ ކުށްތަކުގައި ވެސް، ބަލަން ޖެހޭ އެއް ކަމަކީ އެ ކުށެއް ކުރާ މީހާއަކީ ބުއްދި ގޯސް މީހަކަށް ނުވުން ކަމަށް އޭނާ ވިދާޅުވި އެވެ.
މުއިއްޒު އިތުރަށް ފާހަގަކުރައްވާފައިވާ ގޮތުގައި ނަފްސާނީ މައްސަލައެއް ހުރި ކަމަށް ޝައްކުކުރެވޭ މީހަކު ހައްޔަރުކުރުމުގެ ކުރިން، އޭނާގެ ހާލަތު ވަޒަންކުރަން ވެސް ޖެހެ އެވެ. އަދި ޒިންމާ އުފުލަން ނުޖެހޭ މީހުންގެ ތެރޭގައި ބުއްދި ގޯސް މީހުން ހިމެނޭކަން އެނގޭ ރަސޫލާގެ ހަދީސެއް ވެސް އޭނާ ޓްވީޓްކުރެއްވި އެވެ.
ވެލެޒިނީގެ ދިފާއުގައި އެއްފަހަރާ ގިނަ ބަޔަކު ވާހަކަދައްކަން ފެށީ ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިޚް އަލީ ޒައިދު ކުރެއްވި ޓްވީޓްތަކަކާ ގުޅިގެންނެވެ. މުރުތައްދު ވެފައިވާ މީހުން ހައްޔަރުކޮށް އެ މީހުންނަށް ވިސްނައިދެވޭތޯ ބަލަން ގޮވާލައްވައި ވާހަކަދައްކަވަމުން އޭނާ ވަނީ "ދީނަށް ފުރައްސާރަކުރާ އިރަށް މެންޓަލް މެންޓަލް ކިޔާ އެކްސްކިއުޒް ދެއްކުން ބަލައެއް ނުގަނެވޭ" ކަމަށް ވިދާޅުވެފަ އެވެ.
އެކަމަކު ނަފްސާނީ ބަލިތަކާ މެދު ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކުރައްވާ ސިއްހީ ބައެއް ބޭފުޅުންނާއި ބައެއް އާއްމުން އެ ވާހަކައާ ދެކޮޅެވެ.
އާއްމު ސިއްހަތުގެ ދާއިރާ އިން ޚާއްސަ ޑޮކްޓަރު އަބްދުލް މަލިކު ދެކެވަޑައިގަންނަވާ ގޮތުގައި ވެލެޒިނީ ހައްޔަރުކުރުން ފަދަ ކަންކަން ކުރަނީ ނަފްސާނީ ބަލިތަކަކީ ކޮން ކަހަލަ ކަމެއްކަން ނޭނގޭތީ އެވެ.
"ނަފްސާނީ ބަލިތަކަކީ ކޮބައިކަމެއް މީހުންނަކަށް ނޭނގޭ. ހީވާ ގޮތުން މީހުންނަށް ދުވަހަކު ވެސް ފުރިހަމައަކަށް އެކަމެއް ނޭނގޭނެ!! މިއީ އޭގެ ސަބަބުން ނުކުންނަ ހިތި ނަތީޖާތައް!!!،" #ލެޓްސްޓޯކް ގްރޫޕްގައި ޑރ. މަލިކު ފާހަގަކުރެއްވި އެވެ.