މީގެ ނުވަ އަހަރު ކުރިން އަނުޝްކާ ޝަރްމާ އާއި އޭނާގެ ބޭބެ ކަރްނޭޝް ޝަރްމާ އުފެއްދި "ކްލީން ސްލޭޓް ފިލްމްސް" ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްތަކާ ދުރަށް ދާން އަނުޝްކާ ނިންމައިފި އެވެ.
އަނުޝްކާގެ ޕްރޮޑަކްޝަން ހައުސިން އިން ވަނީ ވެބް ސީރީޒް "އެންއެޗް10" އާއި "ޕިލޮއުރީ" އާއި "ޕާޓަލް ލޮކް" ކަހަލަ އެކި ސީރީޒްތައް ޕްރޮޑިއުސްކޮށްފަ އެވެ. އަދި މިހާރު ވެސް ޝައުގުވެރި އެތައް މަސައްކަތެއް އެ ޕްރޮޑަކްޝަން ހައުސް އިން ކުރަމުން އެބަދެ އެވެ.
އެކަމަކު އިއްޔެ އަނުޝްކާ ޓްވީޓާގައި އާންމުކުރި ބަޔާނުގައި ބުނީ އެ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތްތަކާ އޭނާ ދުރަށް ދާން ނިންމާފައިވާ ކަމަށެވެ. އަނުޝްކާ ބުނީ އޭނާ މަންމައަކަށް ވުމުން، އޭނާގެ މަސައްކަތާއި ދަރިއަށް ދެވޭ ވަގުތު ބެލެންސްކުރަން ބޭނުންވާ ކަމަށެވެ.
އެހެންވެ، އެ ޕްރޮޑަކްޝަން ހައުސްގެ މަސައްކަތް ދޫކޮށްލިޔަސް ބޭބެ އެ މަސައްކަތް ކުރަމުން އަންނަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި އަދި މިހާރު އެ ކުންފުނި އައިސްފައިވާ ހިސާބަށް އައީ ވެސް ބޭބެގެ ބުރަ މަސައްކަތުން ކަަމަށް ބުންޏެވެ. އަދި އިތުރު ކާމިޔާބީ އަށް އެދޭ ކަމަށް ވެސް އޭނާގެ ބަޔާނުގައިވެ އެވެ.
މީގެ ފަސް އަހަރުކުރިން އިންޑިއާގެ ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޯލީއާ ކައިވެނިކޮށް އަނުޝްކާ އަށް ދަރިއަކު ލިބުނީ މިދިޔަ އަހަރު އެވެ. އެ ކުއްޖާ އަށް އެއް އަހަރު ފުރިފައިވެ އެވެ. ޕްރޮޑަަކްޝަން ހައުސްގެ މަސައްކަތާ ދުރަށް ދިޔަސް، އަނުޝްކާ މިހާރު ވެސް އަންނަނީ އޭނާ ފެންނާނެ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.